Tuesday, 28 July 2026

ސޫދާންގެ ހަނގުރާމައިގައި އެއް އަހަރުގެ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާކުރަމުންދާކަމަށް އދ. އިން ބުނެފި

ސޫދާންގައި ހިނގަމުންދާ ހަނގުރާމައިގައި ހަތިޔާރު ހިފައިގެން އުޅޭ މީހުން އެއް އަހަރުގެ ކުޑަކުދިންނަށް ވެސް ޖިންސީ ގޯނާކުރަމުންދާ ކަމަށް އދ.ގެ ޔުނިސެފްއިން ބުނެފިއެވެ. މިއީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ޔުނިސެފްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރު ފެށުނީއްސުރެ 221 ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާކަން ރިޕޯޓުކުރެވިފައިވެއެވެ. ނަމަވެސް މިއަދަދަށްވުރެ މާ ގިނަ ކުދިންނަށް މިފަދަ އަނިޔާ ލިބެމުންދާނެކަމަށް ލަފާކުރެވެއެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަކީ ފިރިހެން ކުދިންނެވެ.

އދ. އިން ބުނިގޮތުގައި އެންމެ ކަންބޮޑުވާންޖެހޭ ކަމަކީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ 16 ކުދިންނަކީ ފަސް އަހަރުން ދަށުގެ ކުދިން ކަމަށްވުމެވެ. މީގެ ތެރޭގައި ހިމެނޭ ހަތަރު ކުއްޖަކީ އުމުރުން އެއް އަހަރު ނުވާ ކުދިންނެވެ. އދ.ގެ ތަޙްޤީޤުތަކުން ދައްކާގޮތުގައި މި ޢަމަލުތަކުގެ ގިނަ ބައެއް ހިންގަނީ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ މީހުންނެވެ.

އދ.ގެ ހޯދުންތަކުގެ މިޝަންގެ ޗެއާ މުހައްމަދު ޗަންޑޭ އޮތްމަން ވިދާޅުވެފައިވަނީ "ސޫދާންގައި ފެންނަމުންދާ ޖިންސީ އަނިޔާގެ މިންވަރު ވަރަށް ބޮޑުކަމަށް" އެވެ. ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ހުށަހަޅާފައިވާ ހެކިތަކުން ދައްކާގޮތުގައި، ޑާފަރގައި އާރްއެސްއެފްގެ ބާރު ފޯރާ ސަރަޙައްދުތަކުގައި އަމާޒުކުރަނީ ޢަރަބިންނަށްވުރެ ކަޅު އެފްރިކާގެ މީހުންނަށެވެ.

ސޫދާންގެ އިންސާނީ އެހީގެ މަސައްކަތްތަކަށް މިހާރުވެސް ބޭނުންވާ ވަރަށް ފައިސާ ނުލިބޭއިރު، އެމެރިކާއިން އެހީ މަދުކުރުމުގެ ސަބަބުން މި ޕްރޮގްރާމްތަކަށް އިތުރު ހީނަރުކަމެއް އަންނާނެކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *