ރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމްކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެންސިސް ފިޝަރީޒްގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗައިނާގެ ވެރިރަށް ބެއިޖިންގަގައި ބޭއްވި ރަސްމިއްޔާތެއްގއި އެންސިސް އިން ސޮއިކުރީ އެ ގައުމުގެ ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު އެވެ. އެންސިސް ފިޝަރީޒްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ހުސައިން އަފީފެވެ. ޒިންޖުއާން ސޯވް ބެއިޖިން ކޮމާޝަލް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން ލިން ޔުޗެންޖް އެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ.ފަޒީލް ނަޖީބާއި ފިޝަރީސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަމްޒަތު އަހްމަދު ބައިވެރިވެވަޑައިގެންފައެވެ.
މި އެއްބަސްވުމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެކްސްގައި ވިދާޅުވީ ދިވެހީންގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ފަސޭހަކަމާއި އެކު ޖާގަ ލިބި ލުއިގޮތްތައް ހޯއްދަވައިދެއްވުމުގައި ރައީސް މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ އަވަސް ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުން އަންނަކަމަށެވެ.
ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި އެފްޓީއޭ އަށް އަމަލު ކުރަން ފެށީ މިދިޔަ މަހުން ފެށިގެންނެވެ. މީގެ ސަބަބުް ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެ، ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރިއެރުމެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އެންސިސް ފިޝަރީޒްގެ އުފެއްދުންތައް އެފްޓީއޭގެ ދަށުން ޗައިނާ އަށް އެކްސްޕޯފްކުރަން އެއްބަސްވުމެއް ހެދި އިރު، ރާއްޖެ އިން ބޭރަށް އެކްސްޕޯޓްކުރާ މައިިގަނޑު ބާވަތަކީ ވެސް މަހުގެ އުފެއްދުންތަކެކެވެ ރާއްޖޭގެ ވެލިއު-އެޑެޑް މަހުގެ އުފެއްދުންތައް އިތުރުކޮށް އެކްސްޕޯޓް ފުޅާކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.


