ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް-ޔޯލް ވަނީ ޑިސެމްބަރު މަހު ކުރު މުއްދަތަކަށް އަސްކަރީ ޤާނޫނު ތަންފީޒުކުރުމާ ގުޅިގެން އޭނާގެ މައްޗަށް ކުރެވިފައިވާ ބަޣާވާތުގެ ތުހުމަތުގެ އިބްތިދާއީ އަޑުއެހުމަށް ކޯޓަށް ހާޒިރުވެފައެވެ.
ބުރާސްފަތި ދުވަހު ސިއޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުގައި ބޭއްވުނު މި އަޑުއެހުމުގައި، ޖިނާއީ ޝަރީޢަތަށް ތައްޔާރުވުމުގެ ގޮތުން ހެކިންނާއި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނެވެ. މި އަޑުއެހުމުގައި ރައީސް ޔޫންގެ ވަކީލުން އެދިފައިވާ އޭނާ ދޫކޮށްލުމުގެ މައްސަލަވެސް ކޯޓުން ބަލާނެއެވެ.
ދެކުނު ކޮރެއާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް އެ ޤައުމުގެ ރައީސަކު ހައްޔަރުކުރެވުނީ ޖަނަވަރީ 15 ވަނަ ދުވަހުއެވެ. އެއީ އޭނާގެ ގެކޮޅުގައި އެއް ހަފްތާއަށް ވުރެ ދިގު މުއްދަތަކަށް ފުލުހުންނާ ދެކޮޅަށް ހިންގި ހަރަކާތަކަށް ފަހުގައެވެ.
ރައީސް ޔޫން ވަނީ ޑިސެމްބަރު 3 ވަނަ ދުވަހު ޓެލެވިޜަން މެދުވެރިކޮށް އަސްކަރީ ޤާނޫނު ތަންފީޒުކުރާ ކަމަށް އިޢުލާންކޮށްފައެވެ. އޭނާ ބުނީ މި ފިޔަވަޅު އަޅަނީ "އުތުރު ކޮރެއާގެ ކޮމިއުނިސްޓް ބާރުތަކުގެ ނުރައްކަލުން ލިބަރަލް ދެކުނު ކޮރެއާ ސަލާމަތްކުރުމަށާއި، ދައުލަތާ ދެކޮޅު ފަރާތްތައް ނައްތާލުމަށް" ކަމަށެވެ.
ނަމަވެސް މި ނިންމުމާ ދެކޮޅަށް ހާސްތަކެއް ރައްޔިތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރުމާއެކު، ނެޝަނަލް އެސެމްބްލީން ވަނީ އަސްކަރީ ޤާނޫނު ތަންފީޒުކުރުމުގެ ނިންމުން ބާތިލުކޮށް، އެ ޤާނޫނު އިޢުލާންކުރިތާ 6 ގަޑިއިރުގެ ތެރޭގައި އުވާލާފައެވެ.


