Tuesday, 28 July 2026

އިސްރާއީލުގެ ހަމަލާއެއްގައި މާބަނޑު އަންހެނަކާއެކު އިތުރު އަންހެނެއް ޝަހީދުވެއްޖެ

ވެސްޓް ބޭންކްގެ ނޫރު ޝަމްސް ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ސިފައިން އެރި ރެއިޑެއްގައި ދެ ފަލަސްތީނު އަންހެނުން ޝަހީދުވެއްޖެއެވެ. މީގެ ތެރޭގައި 8 މަސް ބަނޑު އަންހެނެއް ހިމެނެއެވެ.

ފަލަސްތީނުގެ މިނިސްޓްރީ އޮފް ހެލްތުން ބުނި ގޮތުގައި އިސްރާއީލުގެ ސިފައިން ފަލަސްތީނު އާއިލާއަކަށް ބަޑި ޖަހައި، 23 އަހަރުގެ ސޮންދޮސް ޖަމާލް މުޙައްމަދު ޝަލަބީ މަރާލައި، އޭނާގެ ފިރިމީހާއަށް ބޮޑެތި އަނިޔާތަކެއް ކޮށްފައިވެއެވެ. އިސްރާއީލުގެ ސިފައިން މި ޒަޚަމްވި ދެމަފިރިން ހޮސްޕިޓަލަށް ގެންދިއުމަށް ހުރަސްއެޅުމުގެ ސަބަބުން ސޮންދޮސްގެ ބަނޑުގައި އޮތް ކުއްޖާވެސް ސަލާމަތް ނުކުރެވުނެވެ.

މީގެ އިތުރުން 21 އަހަރުގެ ރަހަފް ފުއާދު އަބްދުﷲ އަލް-އަޝްޤަރު ވެސް އޭނާގެ ގޭގައި ހުއްޓައި އިސްރާއީލުގެ ސިފައިން މަރާލިކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އޭޖެންސީން ބުނާ ގޮތުގައި އިސްރާއީލުގެ ސިފައިން ވެސްޓް ބޭންކްގެ ޓުލްކަރަމް ސަރަޙައްދުގައި އޮންނަ ނޫރު ޝަމްސް ކޭމްޕަށް އެރީ އާދީއްތަ ދުވަހުގެ ފަތިހުއެވެ. މި ރެއިޑުގައި ބުލްޑޯޒަރުތަކާއި ބޮޑެތި މެޝިނަރީ ބޭނުންކޮށް، ގިނަ އަދަދެއްގެ ގެތަކަށް ވަދެފައިވެއެވެ.

މި ހަމަލާތަކާ ގުޅޭ ގޮތުން އިސްރާއީލުގެ ފަރާތުން އެއްވެސް ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *