އިންޑިއާގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް މެދުވެރިކޮށް ބަނގްލަދޭޝްއިން އެހެން ގައުމުތަކަށް މުދާ އެކްސްޕޯޓް ކުރުމަށް ދީފައިވާ ޓްރާންސްޝިޕްމަންޓް ފެސިލިޓީ އިންޑިއާ ސަރުކާރުން ވަނީ ހުއްޓާލައިފައެވެ.
2020 ވަނަ އަހަރުގެ ޖޫން މަހު ބަނގްލަދޭޝްއަށް ދީފައިވާ މި ފެސިލިޓީ ހުއްޓާލުމަށް އިންޑިއާގެ އެކްސްޕޯޓަރުން، ޚާއްސަކޮށް އެޕެރަލް ސެކްޓަރުން ވަނީ ސަރުކާރުގައި އެދިފައެވެ. މި ފެސިލިޓީގެ ސަބަބުން ބަނގްލަދޭޝްއަށް ބޫޓާން، ނޭޕާލް އަދި މިޔަންމާ ފަދަ ގައުމުތަކަށް މުދާ އެކްސްޕޯޓް ކުރުމުގައި ފަސޭހަތަކެއް ލިބިފައިވެއެވެ.
ސެންޓްރަލް ބޯޑް އޮފް އިންޑައިރެކްޓް ޓެކްސަސް އެންޑް ކަސްޓަމްސްގެ އެޕްރީލް 8 ގެ ސަރކިއުލަރގައި ބުނެފައިވާ ގޮތުން، މިހާރު އިންޑިއާއަށް ވަދެފައިވާ މުދާ ކުރީގެ އުސޫލުން ބޭރުކުރުމުގެ ހުއްދަ ދެވޭނެއެވެ.
މި ނިންމުމަކީ އިންޑިއާގެ އެކްސްޕޯޓް ސެކްޓަރތަކަށް، ޚާއްސަކޮށް އެޕެރަލް، ފެއްވެއަރ އަދި ޖުވެލަރީ ދާއިރާއަށް ފައިދާކުރާނެ ނިންމުމެއް ކަމަށް ވިޔަފާރީގެ މާހިރުން ފާހަގަކުރެއެވެ. ބަނގްލަދޭޝްއަކީ ޓެކްސްޓައިލް ދާއިރާގައި އިންޑިއާގެ ވާދަވެރިއެކެވެ.
ފެޑެރޭޝަން އޮފް އިންޑިއަން އެކްސްޕޯޓް އޯގަނައިޒޭޝަންސް (އެފްއައިއީއޯ) ގެ ޑިރެކްޓަރ ޖެނެރަލް އަޖޭ ސަހާއި ވިދާޅުވި ގޮތުގައި މި ނިންމުމުގެ ސަބަބުން އިންޑިއާގެ ކާގޯއަށް އިތުރު ޖާގަ ލިބިގެންދާނެއެވެ. މީގެ ކުރިން އެކްސްޕޯޓަރުން ވަނީ ބަނގްލަދޭޝްއަށް ދީފައިވާ ޓްރާންސްޝިޕްމަންޓް ފެސިލިޓީގެ ސަބަބުން ޖާގައިގެ ދަތިކަން ކުރިމަތިވާކަމަށް ޝަކުވާ ކޮށްފައެވެ.


