Tuesday, 28 July 2026

އަވަހާރަކޮށްލާފައިވާ ހިޒްބުاللهގެ ލީޑަރު ނަސްރުﷲ ގެ ޖަނާޒާ ފެބްރުއަރީ 23 ގައި ބާއްވަނީ

ލުބުނާނުގެ ވެރިރަށް ބެއިރޫޓްގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އަވަހާރަވި ހިޒްބުﷲގެ ދިގު މުއްދަތުގެ ލީޑަރު ހަސަން ނަސްރުﷲ ގެ ޖަނާޒާ މި މަހުގެ 23 ވަނަ ދުވަހު އޮންނާނެ ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.

30 އަހަރަށް ވުރެ ގިނަ ދުވަހު ހިޒްބުﷲގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި ނަސްރުﷲ މަރުވީ ސެޕްޓެމްބަރު 27 ވަނަ ދުވަހު، ބެއިރޫޓްގެ ދެކުނު ސަރަޙައްދުގައި ހުރި ހިޒްބުﷲގެ އަމާޒުތަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާތައް އިތުރުކުރި ދަނޑިވަޅެއްގައެވެ.

ނަސްރުﷲ ގެ ފަހަތުން ހިޒްބުﷲގެ ލީޑަރުކަމަށް އައި ނައީމް ޤާސިމް އާދިއްތަ ދުވަހު ޓީވީއަށް ދެއްވި ތަޤްރީރެއްގައި ވިދާޅުވީ، ނަސްރުﷲ އަވަހާރަވީ "ވަރަށް އުނދަގޫ ޙާލަތެއްގައި" ކަމަށާއި، އެހެންކަމުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ވަގުތީ ގޮތުން ވަޅުލަން ޖެހުނު ކަމަށެވެ.

ޤާސިމް ވިދާޅުވީ މިހާރު ޖަމާޢަތުން ނިންމާފައިވަނީ ނަސްރުﷲ އާއި ނަސްރުﷲ މަރުވި ތާ ގާތްގަނޑަކަށް ހަފްތާއެއް ފަހުން އިސްރާއީލުގެ ހަމަލާއެއްގައި އަވަހާރަވި ހިޒްބުﷲގެ އަނެއް އިސް އޮފިޝަލް ހާޝިމް ސަފިއުއްދީނަށް ބޮޑު ޖަނާޒާއެއް ގިނަ ބަޔަކު ބައިވެރިވާ ގޮތަށް ބޭއްވުމަށް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަފިއުއްދީން ހޮވިފައިވަނީ ނަސްރުﷲ ގެ ފަހަތުން ލީޑަރުކަމަށް ކަމަށާއި، ނަމަވެސް އެކަން އިޢުލާނުކުރުމުގެ ކުރިން އަވަހާރަވެފައިވާ ކަމަށެވެ. އަދި ސަފިއުއްދީން ވެސް ވަޅުލާނީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.

ނަސްރުﷲ ވަޅުލާނީ ބެއިރޫޓްގެ އެތެރޭގައި ބިމެއްގެ ގޮތުގައި ހޮވާފައިވާ ކުރީގެ އެއަރޕޯޓް މަގާއި އައު އެއަރޕޯޓް މަގާއި ދެމެދުގައި ކަމަށާއި، ސަފިއުއްދީން ވަޅުލާނީ ދެކުނު ލުބުނާނުގެ އޭނާގެ އުފަން ރަށް ދެއިރު ޤާނޫންގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޒްބުﷲގެ ގިނަ އިސް ސިފައިން އަވަހާރަވުމާއި ގުޅިގެން ޖަމާޢަތް ހަލަބޮލިވެފައިވަނިކޮށް، އޮކްޓޯބަރު 29 ވަނަ ދުވަހު ހިޒްބުﷲގެ އިޢުލާނުކުރީ ޖަމާޢަތުގެ ޑެޕިއުޓީ ލީޑަރު ޤާސިމް ވަނީ ޖަމާޢަތުގެ އައު ވެރިޔާގެ ގޮތުގައި ހޮވިފައިވާ ކަމަށެވެ.

ނޮވެމްބަރު މަހުގެ ފަހުކޮޅު އެއްބަސްވި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކުން ހިޒްބުﷲއާއި އިސްރާއީލާދެމެދު ހިނގަމުންދިޔަ ހަނގުރާމަ ނިމުމަކަށް އައެވެ. އަދި މި އެއްބަސްވުމުގެ ދަށުން 60 ދުވަހުގެ ސުންގަޑިއެއް ކަނޑައެޅުނެވެ. މި މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ދެކުނު ލުބުނާނުން ފައިބަން ޖެހޭނެއެވެ. އަދި ހިޒްބުﷲގެ ހަނގުރާމަވެރިންނާއި ހަތިޔާރުތައް އެ ސަރަހައްދުން ނަގަން ޖެހޭނެއެވެ. މީގެ އިތުރުން ލުބުނާނުގެ ސިފައިން އެ ސަރަހައްދުގައި ބަހައްޓަން ޖެހޭނެއެވެ.

މި ސުންގަޑި ވަނީ ފާއިތުވި މަހު ފެބްރުއަރީ 18 އަށް އިތުރުކޮށްފައެވެ. އިސްރާއީލުން ލުބުނާނުން ފައިބަން އިންކާރުކޮށް، އަދި އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް މަދުން ނަމަވެސްވައިގެ ހަމަލާތައް ދެމުންދާތީ، އެ ގައުމުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށް ތުހުމަތުކުރެވެއެވެ. އެހެންނަމަވެސް އިސްރާއީލުން ބުނަނީ ހިޒްބުﷲއިން ވެސް މި އެއްބަސްވުމާ ޚިލާފުވަމުންދާ ކަމަށެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހިޒްބުﷲގެ އެކުވެރި ޖަމާޢަތް ކަމަށްވާ ހަމާސްއަށް އެހީތެރިވުމުގެ ގޮތުން ޣައްޒާގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމައިގެ އައު ބުރެއް ފެށުމާ ގުޅިގެން ހިޒްބުﷲއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނެވެ. އިސްރާއީލާ ދެކޮޅަށް މަސްތަކެއް ވަންދެން ކުރި ހަނގުރާމައިގައާއި އިސްރާއީލުން ޖަމާޢަތުގެ އިސް ފަރާތްތަކަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ހިޒްބުﷲއަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *