ޣައްޒާ ސިޓީގެ ސަތޭކަ ހާހުން ގިނަ ރައްޔިތުންނަށް ލިބެމުން އައި ހަމައެކަނި ސާފު ފެނުގެ އަސާސީ ޚިދުމަތް މިދިޔަ ހަފްތާގައި ވަނީ ކެނޑިފައެވެ. އިޒްރޭލުގެ ސިފައިންގެ އަލުން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުގެ ފެން ކުންފުނި މެކޮރޮޓުން ދެމުން އައި ފެނުގެ ޚިދުމަތް ވަނީ ހުއްޓާލާފައެވެ.
ޣައްޒާ ސިޓީގެ ޝެޖާއިއާ ސަރަހައްދަށް އިޒްރޭލު ސިފައިންގެ ދިން ހަމަލާތަކާއި އެ ސަރަހައްދަށް ވަނުމާ ގުޅިގެން މެކޮރޮޓުގެ ފެން ހޮޅިތަކަށް ގެއްލުން ލިބި، ގިނަ ރައްޔިތުންނަށް މިހާރު ޖެހިފައިވަނީ ކިލޯމީޓަރުތަކެއް ދުރަށް ހިނގާފައި ގޮސް މަދު މިންވަރެއްގެ ފެން ހޯދުމަށެވެ.
"ހެނދުނުއްސުރެ އަހަރެން މިހިރީ ފެނަށް އިންތިޒާރު ކުރަމުން. ފެން ސްޓޭޝަންތަކެއް ނެތް. ފެން އުޅަނދުތަކެއްވެސް ނާދޭ. ފެނެއް ނެތް. ކްރޮސިންގތައް ބަންދު. އިރާދަކުރެއްވިއްޔާ ހަނގުރާމަ ނިމޭނީ ރައްކާތެރިކަމާއި ސުލްހަވެރިކަމާއެކު،" މިހެން ބުނެފައިވަނީ 42 އަހަރުގެ ފާތެން ނައްސާރުއެވެ.
ޣައްޒާ ސިޓީގެ މުނިސިޕަލް އޮތޯރިޓީގެ ބަހުން، މެކޮރޮޓުގެ ފެން ހޮޅިން ފޯރުކޮށްދެމުން އައީ ޣައްޒާ ސިޓީގެ ފެނުގެ 70 އިންސައްތައެވެ. ހަނގުރާމައިގައި ގިނަ ފެން ވަޅުތަކަށް ގެއްލުން ލިބުމާ ގުޅިގެން މިއީ ސިޓީގެ މައިގަނޑު ފެނުގެ މަސްދަރަށް ވެފައިވެއެވެ.
ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ގިނަ ބަޔަކު މިހާރު ވަނީ އެތެރޭގެ ހިޖުރަވެރިންގެ ގޮތުގައި ބަދަލުވެފައެވެ. މި ރައްޔިތުން ކޮންމެ ދުވަހަކު ހިނގާފައި ދުރު ސަރަހައްދުތަކުގައި ހުރި މަދު ފެންވަޅުތަކަށް ގޮސް ޕްލާސްޓިކް ކޮންޓެއިނަރުތަކުގައި ފެން އަޅައިގެން އަންނަން ޖެހެއެވެ. އަދި މި ފެންވަޅުތަކުންވެސް ސާފު ފެން ލިބޭނެކަމުގެ ޔަގީންކަމެއް ނެތެވެ.
"ހާލަތު ވަރަށް ދަތި. ކަންކަން އިތުރަށް އުނދަގޫވަމުން މިދަނީ. ޚާއްސަކޮށް މީހުންގެ ދިރިއުޅުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ފެނަށް. ސާފުކުރުމަށާއި، ކެއްކުމަށާއި، ބުއިމަށް ބޭނުންވާ ފެން ހޯދުމަށް ވަރަށް ބޮޑަށް ދަތިވެފައި މިވަނީ،" މުނިސިޕަލިޓީގެ ސްޕޯކްސްޕަރސަން ހުސްނީ މަހާނާ ވިދާޅުވިއެވެ.


