ރަޝިޔާއިން ޔުކްރެއިނަށް ކްރެއިނަށް ދިން މިސައިލް ހަމަލާއެއްގައި މަދުވެގެން 15 މީހުން މަރުވެއްޖެއެވެ. އަދި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ޔުކްރެއިންގެ އޮފިޝަލުން މަޢުލޫމާތު ދީފިއެވެ.
ހޮނިހިރު ދުވަހު ރޭގަނޑު ދިން މި ހަމަލާގައި ޔުކްރެއިންގެ އެކި ސަރަހައްދުތަކުގައި ހުރި ރިހާބިލިޓޭޝަން އިމާރާތްތަކަށާއި ހަކަތައިގެ ވަސީލަތްތަކަށް ގެއްލުން ލިބުނު ކަމަށް ވެއެވެ. މި ހަމަލާގައި ޕޮލްޓަވާ ސިޓީގައި ހުރި ރިހާބިލިޓޭޝަން އިމާރާތަކަށް މިސައިލެއް ޖެހި، 11 މީހުން މަރުވެ، 16 މީހުން ޒަޚަމްވިއެވެ. މީގެ ތެރޭގައި 4 ކުޑަކުދިން ހިމެނެއެވެ. އިމަޖެންސީ ސަރވިސްގެ ފަރާތުން ބުނީ، އިމާރާތުގެ ތެރެއިން 22 މީހުން ސަލާމަތްކުރެވުނު ކަމަށެވެ.
ޚާރްކީވްގައި ޑްރޯން ހަމަލާއަކުން އެއް މީހަކު މަރުވެ، 4 މީހުން ޒަޚަމްވިއެވެ. އަދި ސުމީ ސަރަހައްދުގައި ހުރި ރަށެއްގައި ޕެޓްރޯލް ކުރަމުން ދިޔަ 3 ފުލުހުން މި ހަމަލާގައި މަރުވިއެވެ.
މީގެ އިތުރުން ރަޝިޔާގެ ކުރްސްކް ސަރަހައްދުގައި ޔުކްރެއިންގެ ބާރުގެ ދަށުގައިވާ ސްކޫލެއްގެ ދަރިވަރުންގެ ހިޔާއަކަށް ދިން ހަމަލާއެއްގައި 4 މީހުން މަރުވިއެވެ. މި ހަމަލާ ދިނީ ކޮން ފަރާތަކުންކަން އަދި ސާފެއް ނުވެއެވެ. ރަޝިޔާއާއި ޔުކްރެއިން ދެ ފަރާތުން ވެސް ބުނަނީ އަނެއް ފަރާތުން މި ހަމަލާ ދިން ކަމަށެވެ.


