އިޒްރާއީލު އޮކިއުޕޭޝަން ބާރުތަކުން އިއްޔެ ރޭ ވެސްޓް ބޭންކުގެ ސަލްފިޓް އަދި ހެބްރޯން ގަވަނަރޭޓްތަކުން 7 ފަލަސްތީނު މީހުން ހައްޔަރުކޮށްފިއެވެ.
މަޞްދަރުތަކުން ބުނާގޮތުގައި، ހެބްރޯންގެ ހުޅަނގުގައިވާ ބައިތު ކާހިލް ރަށުގެ ރައްޔިތުންކަމަށް ދެނެގަނެވުނު 5 ފަލަސްތީނު މީހުން، ފަރްޝް އަލް-ހަވާ ސަރަޙައްދުގައިވާ އެމީހުންގެ ބިމުގައި އުޅެނިކޮށް ވަނީ ހައްޔަރުކޮށްފައެވެ.
އަދި ހަމައެއާއެކު، ސަލްފިޓްގެ ހުޅަނގު އުތުރުގައިވާ ދެއިރް އިސްތިޔާ ރަށުގެ ފިހާރައަކުން ޒުވާނަކު ހައްޔަރުކުރިއެވެ. އަދި ޖެނިންގެ ހުޅަނގުގައިވާ ތިއިންނިކް ރަށުގައި ގެއެއް ވަށައިލުމަށްފަހު 17 އަހަރުގެ ޒުވާނަކު ހައްޔަރުކުރިކަން ވެސް ހާމަވެފައިވެއެވެ.
އޮކިއުޕޭޝަން ބާރުތަކުން "ބޭނުންވާ" ފަލަސްތީނުން ހޯދުމުގެ ނަމުގައި، ވެސްޓް ބޭންކުގެ އެކި ކަންކޮޅުތަކުގައި ހުންނަ ފަލަސްތީނުންގެ ގެތަކަށް ގަވާއިދުން ވަދެއެވެ. މިކަމުގެ ސަބަބުން ގިނަ ފަހަރަށް ރައްޔިތުންނާ ޖެހުންތައް ހިނގައެވެ.
މި ރެއިޑްތައް ކުރަނީ އެއްވެސް ހޯދުމުގެ ވޮރަންޓެއް ނެތި، އަސްކަރިއްޔާއިން ބޭނުން ވަގުތެއްގައި ބޭނުން ތަނެއްގައެވެ. މިއީ އެމީހުންނަށް ލިބިފައިވާ ފުޅާ ބާރުތަކުގެ ދަށުންނެވެ.
އިޒްރާއީލުގެ އަސްކަރީ ޤާނޫނުގެ ދަށުން، ވެސްޓް ބޭންކުގައި ދިރިއުޅޭ 3 މިލިއަން ފަލަސްތީނުންގެ މައްޗަށް އަސްކަރީ ވެރިންނަށް ފުރިހަމަ ވެރިކަމުގެ، ޤާނޫނު ހެދުމުގެ އަދި ޝަރުޢީ ބާރު ލިބިގެންވެއެވެ. މި ބާރުތައް ބޭނުންކުރާ ގޮތާމެދު ފަލަސްތީނުންނަށް އެއްވެސް ބަހެއް ނުބުނެވެއެވެ.
އައްދާމީރް (ފަލަސްތީނު ޕްރިޒަނަރ ސަޕޯޓް އެންޑް ހިއުމަން ރައިޓްސް އެސޯސިއޭޝަން) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިވަގުތު އިޒްރާއީލުގެ ޖަލުތަކާއި ބަންދު މަރުކަޒުތަކުގައި 10,400 ފަލަސްތީނު ސިޔާސީ ހައްޔަރީން އެބަތިބެއެވެ. މީގެ ތެރޭގައި 320 ކުޑަކުދިންނާއި 88 އަންހެނުން ހިމެނެއެވެ.


