އިޒްރޭލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ޔަމަނުގެ ހޫތީން ކޮންޓްރޯލް ކުރާ ސަރަހައްދުތަކަށް ވައިގެ ހަމަލާ ދިންކަމަށް ޔަމަނުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ހަމަލާގައި މަދުވެގެން އެކަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ބުނެއެވެ.
ހޫތީންނާ ގުޅުންހުރި އަލް މަސީރާ ޓީވީން ހުކުރު ދުވަހު ބުނި ގޮތުގައި، ހަމަލާތައް އަމާޒުކޮށްފައިވަނީ ހޮޑެއިދާ އަދި ރަސް އީސާގެ ބަނދަރުތަކަށާއި، ސަނާގެ ކައިރީގައިވާ ހެޒްޔަޒް ސެންޓްރަލް ޕަވަރ ސްޓޭޝަނަށާއި، އަމްރާން ޕްރޮވިންސްގެ ހަރްފް ސުފްޔާން ޑިސްޓްރިކްޓަށެވެ. މި ހަމަލާގައި ރަސް އީސާ ބަނދަރުގެ މުވައްޒަފެއް މަރުވެ، 6 މީހުން ޒަޚަމްވިކަމަށް އެ މީޑިއާއިން ބުންޏެވެ.
އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި މި ހަމަލާތައް ދިންކަން އެއްބަސްވެ، ހެޒްޔަޒް ޕަވަރ ޕްލާންޓަކީ "ހޫތީ ޓެރަރިސްޓް ވެރިކަމުގެ ހަނގުރާމަވެރި ހަރަކާތްތަކަށް މައިގަނޑު ހަކަތައިގެ މަސްދަރު" ކަމަށް ބުނެފައިވެއެވެ. އަދި އިޒްރޭލަށް އަމާޒުކޮށް ހޫތީން ދޭ ހަމަލާތަކާއި ރަތު ކަނޑުގައި އިޒްރޭލާ ގުޅުން ހުރި ކަމަށް ބެލެވޭ އުޅަނދުތަކަށް ދޭ ހަމަލާތަކާ ގުޅިގެން، އިޒްރޭލަށް އަމިއްލަ ނަފްސު ދިފާއުކުރުމުގެ ހައްގާއި ޒިންމާ އޮތް ކަމަށްވެސް ބުނެފައިވެއެވެ.
ޔަމަނުގެ ސިޔާސީ ދިރާސާވެރިއެއް ކަމަށްވާ ހުސެއިން އަލް-ބުޚައިތީ އާއި ހަވާލާދީ އަލް ޖަޒީރާއިން ބުނި ގޮތުގައި، އިޒްރޭލުގެ ސިފައިންނަށް ޔަމަނުގެ އަސްކަރީ ތަންތަން ހުރި ތަންތަނެއް ނޭނގޭކަން "ސާފު"ކޮށް އެނގެއެވެ. އަދި ހޫތީން އިޒްރޭލަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށާއި، "އައު ބާވަތުގެ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްތައް" ބޭނުންކޮށްގެން އިޒްރޭލުގެ "ކަރަންޓު ސްޓޭޝަނާއި ވައިގެ ބަނދަރު" ފަދަ "ގާނޫނީ ޓާގެޓްތަކަށް" ހަމަލާ ދޭނެ ކަމުގެ އަޑުފެތުރެމުންދާ ކަމަށް އޭނާ ބުންޏެވެ.


