ބްރެޒިލްގެ ދެކުނުގައި އޮންނަ ގްރަމާޑޯ ސިޓީގައި އަމިއްލަ މަތިންދާބޯޓެއް ވެއްޓި، އެ ޤައުމުގެ ވިޔަފާރިވެރިއެއްގެ އާއިލާގެ 10 މެންބަރުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގީ އާދިއްތަ ދުވަހުގެ ހެނދުނު، މަތިންދާބޯޓު ފުރުމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ.
މަތިންދާބޯޓު ދުއްވަމުން ދިޔައީ 61 އަހަރުގެ ލުއިޒް ކްލައުޑިއޯ ގަލެއާޒީއެވެ. އޭނާގެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގަލެއާޒީގެ އަނބިމީހާއާއި، ތިން އަންހެން ދަރިންނާއި، އާއިލާގެ އެހެން މެންބަރުން ހިމެނެއެވެ.
ރިއޯ ގްރާންޑެ ޑޯ ސުލް ސްޓޭޓްގެ ގަވަރނަރު އެޑުއާޑޯ ލެއިޓެ ވިދާޅުވި ގޮތުގައި މަތިންދާބޯޓު ފުރީ މޫސުން ގޯސްވެފައި އޮއްވައެވެ. އަދި މަތިންދާބޯޓު ވެއްޓުމުގެ ކުރިން 3 ކިލޯމީޓަރު ދުއްވާފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
މި ހާދިސާގައި، މަތިންދާބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 17 މީހުންނަށް އަނިޔާވެފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އޭގެ ތެރެއިން ދެ މީހުންގެ ހާލަތު ސީރިއަސް ކަމަށްވެސް ބުނެއެވެ. މަތިންދާބޯޓު ވެއްޓުނު އިރު، އިމާރާތެއްގެ ދުންހޮޅިއަކާއި، ގެއަކާއި، ފިހާރައެއްގައި ޖެހިފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ.
ގަލެއާޒީއަކީ ސައޯ ޕައުލޯގައި ހުންނަ ކޯޕަރޭޓް ރީސްޓްރަކްޗަރިންގ އަދި ކްރައިސިސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ގަލެއާޒީ އެންޑް އެސޯސިއޭޓްސްގެ ސީއީއޯއެވެ. އޭނާގެ ކުންފުނިން ނެރުނު ބަޔާނެއްގައި، މި ހާދިސާއާ ގުޅޭ ތަހުގީގުތަކަށް އެއްބާރުލުން ދޭނެ ކަމަށް ބުނެފައިވެއެވެ.
ގަވަރނަރު ލެއިޓެ ވިދާޅުވި ގޮތުގައި މި ހާދިސާ ތަހުގީގު ކުރަމުން ދަނީ އެއަރޮނޯޓިކަލް އެކްސިޑެންޓް އިންވެސްޓިގޭޝަން އެންޑް ޕްރިވެންޝަން ސެންޓަރ (ސެނިޕާ) އިންނެވެ. އަދި މި ހާދިސާއާ ގުޅިގެން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މުޅި ސްޓޭޓުން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.


