ޣައްޒާގައި އިޒްރާއީލުން ދެމުންދާ އަނިޔާވެރި ޙަމަލާތަކުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިޒްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން ޣައްޒާގެ އާއިލާތަކަށް ދިން ހަތަރު ޤަތުލްއާންމެއްގައި 32 ފަލަސްތީނު ރައްޔިތުން ޝަހީދުވެ، 94 މީހުން ޒަޚަމްވެއްޖެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް އިޒްރާއީލުގެ އަނިޔާވެރި ޙަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 45,129 އަށް އަރާފައިވާ ކަމަށް މެޑިކަލް ވަސީލަތްތަކުން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން 107,338 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވަސީލަތްތަކުން ބުނެއެވެ. ޝަހީދުންގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.
އިޒްރާއީލުގެ އޮކިއުޕޭޝަން ބާރުތަކުން އެމްބިއުލާންސްތަކާއި ސިވިލް ޑިފެންސް ޓީމުތަކުގެ ދަތުރުފަތުރަށް ހުރަސްއަޅަމުންދާތީ، ވަރަށް ގިނަ މަރުވެފައިވާ މީހުންނާއި ޒަޚަމްވެފައިވާ މީހުންނާ ހަމައަށް ދިއުމަށް އިމަޖެންސީ ޚިދުމަތްތަކަށް ދަތިވެފައިވާ ކަމަށް މެޑިކަލް ވަސީލަތްތަކުން ބުނެއެވެ. އަދި ގިނަ ޝަހީދުންގެ ހަށިގަނޑުތައް ވަނީ ޢިމާރާތްތަކުގެ ތެރެއަށް ވެއްޓި ބިމުގެ އަޑީގައި ފޮރުވިފައެވެ. އަދި ބައެއް ހަށިގަނޑުތައް ވަނީ މަގުމަތީގައި އެކި ތަންތަނަށް ވެއްޓިފައެވެ.
އދ. ގެ ސެކިއުރިޓީ ކައުންސިލުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައިވީ ނަމަވެސް، އަަމަވެސް، އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން ޣައްޒާގައި ހިނގަމުންދާ ނަސްލު ފޮހެލުމުގެ ޢަމަލުތައް ހުއްޓުވުމަށާއި އިންސާނީ ޙާލަތު ރަނގަޅުކުރުމަށް އަމުރުކޮށްފައިވީ ނަމަވެސް، އިޒްރާއީލުން ދަނީ އަނިޔާވެރި ޙަމަލާތައް ހުއްޓުމެއްނެތި ދެމުންނެވެ.


