ވަނުއާޓޫގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ޕޯޓް ވިލާގެ ހުޅަނގުން 30 ކިލޯމީޓަރު ދުރުން، އަމިއަދު ހެނދުނު ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. ޔޫ.އެސް ޖިއޮލޮޖިކަލް ސަރވޭ (ޔޫ.އެސް.ޖީ.އެސް) އިން ބުނާ ގޮތުގައި މި ބިންހެލުމަކީ 7.3 މެގްނެޓިއުޑްގެ ބިންހެލުމެކެވެ.
ބިންހެލުން އައި ސަރަޙައްދަކީ ކަނޑުގެ އަޑިން 57 ކިލޯމީޓަރު (35 މޭލު) އަޑިން ކަމަށް ވެއެވެ. މި ބިންހެލުމާ ގުޅިގެން ރިކްޓަރު ސްކޭލް 5.5 ގެ އާފްޓަރ ޝޮކެއްވެސް އައިސްފައިވެއެވެ.
މި ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ މިންވަރު އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، ބިންހެލުމާ ގުޅިގެން ވަނުއާޓޫ ސަރުކާރުގެ ވެބްސައިޓްތައް ވަނީ ހުއްޓިފައެވެ. އަދި ފުލުހުންނާއި އެހެނިހެން ސަރުކާރު އިދާރާތަކަށް ގުޅޭނެ ފޯނު ނަންބަރުތަކަށް ނުގުޅެއެވެ.
ސޯޝަލް މީޑިއާގައި ޝާއިޢުކޮށްފައިވާ ވީޑިއޯއެއްގައި ދައްކާ ގޮތުން، ބްރިޓެން، ފްރާންސް އަދި ނިއުޒީލަންޑްގެ ޑިޕްލޮމެޓިކް މިޝަންތައް ހިމެނޭ އިމާރާތަކަށް ގެއްލުން ލިބިފައިވާތަން ފެނެއެވެ.
ޔޫ.އެސް.ޖީ.އެސް އިން ވަނުއާޓޫގެ ބައެއް ސަރަޙައްދުތަކަށް ސުނާމީގެ ރިސްކު އޮތް ކަމަށް އިންޒާރު ދީފައިވެއެވެ. އެ ފަރާތުން ބުނާ ގޮތުގައި ސުނާމީގެ ރާޅުތައް 0.3 މީޓަރުން 1 މީޓަރު (1 ފޫޓުން 3 ފޫޓު) އުސްމިނަށް އުފުލިދާނެއެވެ. ވަނުއާޓޫއަކީ 330,000 އާބާދީއެއް އުޅޭ 80 ޖަޒީރާއެއްގެ މައްޗަށް އެކުލެވޭ ޤައުމެކެވެ.


