ޣައްޒާގައި ހިނގަމުންދާ އިސްރާއީލީ އަނިޔާވެރިކަމުގެ ސަބަބުން މެޑިކަލް އިވެކުއޭޝަން ބޭނުންވާ 12،000 މީހުން ތިބިކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ގެބްރެއިސަސް މި މަޢުލޫމާތު ހިއްސާކުރެއްވީ ހުކުރު ދުވަހުއެވެ. އެމަނިކުފާނު ވިދާޅުވީ ޣައްޒާގައި 14 މަސްދުވަސް ވަންދެން ހިނގަމުންދާ އިސްރާއީލީ ހަނގުރާމައިގެ ސަބަބުން ނުރައްކާތެރި މެޑިކަލް ހާލަތެއް ކުރިމަތިވެފައިވާ ކަމަށެވެ.
ޑރ. ޓެޑްރޮސް ވިދާޅުވި ގޮތުގައި، ޔޫރަޕިއަން ޔޫނިއަންގެ ސިވިލް ޕްރޮޓެކްޝަން މެކޭނިޒަމްގެ އެހީގައި މިހާތަނަށް 8 ބަލިމީހުން ޣައްޒާއިން ބޭރަށް ގެންދެވިފައިވެއެވެ. މީގެ ތެރެއިން 5 މީހުން ބެލްޖިއަމަށާއި، 2 މީހުން ސްޕެއިނަށާއި، އަދި 1 މީހަކު ރޮމޭނިއާއަށް ފަރުވާއަށް ގެންދެވިފައިވެއެވެ.
މި ޤައުމުތަކުގެ ސަރުކާރުތަކުން ބަލިމީހުން ބަލައިގަތުމުގައި ދެއްވި އެހީތެރިކަމަށާއި، މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި އެންމެހައި ބައިވެރިންނަށާއި ޖަމްޢިއްޔާތަކަށް ޑރ. ޓެޑްރޮސް ޝުކުރު އަދާކުރެއްވިއެވެ. އަދި އަދިވެސް ހާލަތު ވަރަށް ނާޒުކު ކަމަށާއި، އަވަސް މެޑިކަލް އިވެކުއޭޝަން ބޭނުންވާ ހާހުން ގިނަ މީހުން ތިބިކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


