Monday, 26 October 2026
އިޒްރޭލްގެ ހަމަލާތަކުގެ ސަބަބުން ޣައްޒާ ސުންނާފަތިވެފައި - ފޮޓޯ: ލޮސްއެންެޖެލަސް ނިއުސް

ނުސައިރާތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 20 މީހުން ޝަހީދުކޮށްލައިފި

ހުކުރު ދުވަހުގެ ރޭ ގާޒާގެ މެދުތެރޭގައި އޮންނަ ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި 20 ފަލަސްތީނު މީހުން ޝަހީދުވެއްޖެއެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި 6 ކުޑަކުދިން ހިމެނޭކަމަށް ސަރަހައްދުގެ މަސްދަރުތަކުން މަޢުލޫމާތު ދެއެވެ.

ވަފާއިން ރިޕޯޓުކުރި ގޮތުގައި، އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން އަމާޒުކުރީ ކުރިން ހުސްކޮށްފައިވާ ގެއަކަށެވެ. މި ބޮންގޮއްވާލުމުގެ ސަބަބުން 20 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 6 ކުޑަކުދިންނާއި 5 އަންހެނުން ހިމެނެއެވެ. އަދި ކައިރީގައި ހުރި ގެތަކުގައި ތިބި އެތައް ބަޔަކަށް އަނިޔާވެފައިވެއެވެ.

ޝަހީދުވި ބައެއް މީހުން ފަހުން ދެނެގަނެވި، ދެއިރުލް-ބަލަހުގައި ހުންނަ އަލް-އަޤްސާ ޝަހީދުންގެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން، ނުސައިރާތުގެ ހުޅަނގު ފަރާތުގައި ހިޔާވަހިކަން ގެއްލިފައިވާ ޢާއިލާތަކަށް ޖަހާފައި ހުރި ޓެންޓުތަކަށް އިސްރާއީލުގެ އާޓިލަރީން ހަމަލާދިނުމުގެ ސަބަބުން ޅަ އަންހެން ކުއްޖަކު ޝަހީދުވިއެވެ.

މެޑިކަލް މަސްދަރުތަކުން މަޢުލޫމާތު ދޭގޮތުގައި، ހުކުރު ދުވަހުގެ ފަތިހުން ފެށިގެން ގާޒާގައި ޝަހީދުވި މީހުންގެ އަދަދު 63 އަށް އަރާފައިވެއެވެ. މީގެ ތެރެއިން 35 މީހުން ޝަހީދުވެފައިވަނީ އުތުރު ގާޒާގައެވެ. އިސްރާއީލު އޮކިއުޕޭޝަން ސިފައިން ގާޒާއަށް ދެމުންދާ ހަމަލާތައް މެދުނުކެނޑި ކުރިއަށްދެއެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގާޒާއަށް އިސްރާއީލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން މިހާތަނަށް މަދުވެގެން 44,612 ފަލަސްތީނުން ޝަހީދުވެފައިވާއިރު، 105,834 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ހާސްތަކެއް މީހުން ވަނީ ތަޅާލެވިފައިވާ ޢިމާރާތްތަކުގެ ތެރޭގައި ބަންދުވެފައެވެ. އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން އިމަޖެންސީ އަދި ސިވިލް ޑިފެންސް ޓީމުތަކަށް އެ މީހުންނާ ހަމައަށް ވާސިލުވުމަށް ދަތިވެފައިވެއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި، އަދި ބައިނަލްއަޤްވާމީ ކޯޓުން ގާޒާގައި ނަސްލު ހަލާކުކުރުން ހުއްޓުވުމަށާއި ގާޒާގެ ނާޒުކު އިންސާނީ ޙާލަތު ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އަންގާފައިވީ ނަމަވެސް، އިސްރާއީލުން ގާޒާއަށް ދެމުންދާ އަނިޔާވެރި ހަމަލާތައް މެދުނުކެނޑި ކުރިއަށްދެއެވެ.

މި ހަމަލާތަކުގެ ސަބަބުން ގާޒާގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އިންތިހާއަށް ބޮޑުވެފައިވެއެވެ. ޚާއްޞަކޮށް ކާބޯތަކެތި، ސާފު ބޯފެން، ބޭސްފަރުވާގެ ޚިދުމަތްތައް އަދި ހިޔާވަހިކަމުގެ ދަތިކަން ވަނީ ނުހަނު ބޮޑުވެފައެވެ. މިކަމުގެ ސަބަބުން ގާޒާގެ އާބާދީގެ ބޮޑު ބައެއް ވަނީ ހިޔާވަހިކަން ގެއްލި، ނިކަމެތި ޙާލަތެއްގައި ޖެހިފައެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ހަނގުރާމަ ހުއްޓުވުމަށް ގޮވާލަމުންދާއިރު، އިސްރާއީލުގެ ސަރުކާރުން ބުނަނީ މި ހަމަލާތަކަކީ ހަމާސްއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ބައެއް ކަމަށެވެ. ނަމަވެސް، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ބުނަނީ އިސްރާއީލުގެ މި ހަމަލާތަކަކީ ހަނގުރާމައިގެ ޤާނޫނުތަކާ ޚިލާފު، އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދެމުންދާ ހަމަލާތަކެއް ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *