Tuesday, 28 July 2026

އެއްބަސްވުމާއި ޚިލާފުވެ އިސްރާއީލުން ދެކުނު ލުބުނާނަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެއްޖެ 

ދެކުނު ލުބުނާނުގެ ރަށްތަކަށް އިސްރާއީލުން ދިން އެއާ ހަމަލާތަކެއްގައި ދެމީހަކު މަރުވެ، ހަ މީހަކަށް އަނިޔާވެއްޖެއެވެ. މިކަން ހިނގާފައިވަނީ ހިޒްބުއްލާއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ދެމިއޮތް ދަނޑިވަޅެއްގައެވެ.

ލުބުނާނުގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ބުނާ ގޮތުގައި ހޮނިހިރު ދުވަހު ދެކުނު ލުބުނާނުގެ ރަބް އަލް-ތަލާތީން ރަށަށް އިސްރާއީލުގެ ޑްރޯނަކުން ދިން ހަމަލާއެއްގައި ދެމީހަކު މަރުވެ، ދެމީހަކަށް އަނިޔާވިއެވެ.

މީގެ އިތުރުން، ދެކުނު ގަވަރނޯރޭޓްގެ ޓަޔަރ ޑިސްޓްރިކްޓްގައި ހިމެނޭ މަޖްދަލް ޒޫން ރަށުގައި ދުއްވަމުންދިޔަ ކާރަކަށް އިސްރާއީލުގެ ޑްރޯނަކުން ހަމަލާދިނެވެ. ލުބުނާނުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުން ބުނާ ގޮތުގައި މި ހަމަލާގައި ކުޑަކުއްޖަކާއެކު ތިން މީހަކަށް އަނިޔާވިއެވެ.

ހަމައެހެންމެ، ދެކުނު ގަވަރނޯރޭޓްގެ ސައިދާ ޑިސްޓްރިކްޓްގެ ބެއިސަރިޔާ ރަށުގެ ޓިބްނާ ސަރަހައްދަށް އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކުން ދެ ފަހަރެއްގެ މަތިން ހަމަލާދިނެވެ. މިނިސްޓްރީގެ މަޢުލޫމާތު ދޭގޮތުގައި މި ހަމަލާގައި މަދުވެގެން އެއް މީހަކަށް އަނިޔާވިއެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ބުނެފައިވަނީ ސައިދާގައި ހުރި ހިޒްބުއްލާގެ ރޮކެޓް ލޯންޗަރުތަކެއް ބެހެއްޓިފައިވާ ތަނަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުމުގެ ސަބަބުން، ދެކުނު ލުބުނާނުގައި ރޮކެޓް ލޯންޗަރުތަކާއި، ވަޒަނާއި އަސްކަރީ އާލާތްތައް އުފުލަމުންދިޔަ އުޅަނދަކަށްވެސް ހަމަލާދީފައިވާ ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *