އިސްރާއީލާއި ލުބުނާނުން އެމެރިކާއިން ހުށަހެޅި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އެއްބަސްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ. މި އެއްބަސްވުން ތަންފީޒުކުރަން ފަށާނީ ބުދަ ދުވަހުގެ ހެނދުނު 4:00 އަށް ކަމަށް ރައީސް ބައިޑެން ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް، ބައެއް ރިޕޯޓުތަކުގައި ބުނެފައިވަނީ މި އެއްބަސްވުން ތަންފީޒުކުރަން ފަށާނީ ހެނދުނު 10:00 އަށް ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުން ބުނެފައިވަނީ އެ ގައުމުގެ ސަލާމަތީ ކެބިނެޓުން މި އެއްބަސްވުން ފާސްކޮށްފައިވަނީ 10-1 އަށް ކަމަށެވެ. އެހެންނަމަވެސް، ހިޒްބުއްލާއިން މިހާތަނަށް މި އެއްބަސްވުމާ ގުޅޭގޮތުން ރަސްމީ ބަޔާނެއް ނެރެފައެއް ނުވެއެވެ.
"ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި، ލުބުނާނުގެ ސިފައިންނާއި ސަލާމަތީ ބާރުތަކުން އެ ގައުމުގެ ސަރަހައްދުތަކުގެ ބާރު އަލުން ހޯދާނެ. ދެކުނު ލުބުނާނުގައި ހިޒްބުއްލާގެ ޓެރަރިސްޓް އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމަށް ފުރުސަތެއް ނުދެވޭނެ،" ރައީސް ބައިޑެން ވިދާޅުވިއެވެ. އަދި އިސްރާއީލުން އެ މުއްދަތުގެ ތެރޭގައި "މަޑުމަޑުން" އެ ގައުމުގެ ސިފައިން އަނބުރާ ގެންދާނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
"މިއީ ދާއިމީގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ފަރުމާކޮށްފައިވާ އެއްބަސްވުމެއް،" ރައީސް ބައިޑެން ވިދާޅުވިއެވެ. އަދި ލުބުނާނަށް އެމެރިކާގެ ސިފައިން ނުފޮނުވާނެ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
މީގެ ކުރިން އިއްޔެ، އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ވަނީ ލުބުނާނުގެ ހިޒްބުއްލާއާއެކު ހަނގުރާމަ ހުއްޓާލުމަށް އެ ގައުމުގެ ސަރުކާރުގެ ހުއްދައަށް އެދޭ ކަމަށް ބުނެފައެވެ. އެހެންނަމަވެސް، ޣައްޒާގައި ކުރިއަށްދާ ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށް ބުންޏެވެ.
ތަންޔާހޫ ވަނީ އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުން ހިޒްބުއްލާ އެތައް ދުވަހަކަށް ފަހަތަށް ޖައްސާލެވިފައިވާ ކަމަށާއި މިހާރު ޣައްޒާއަށް އަމާޒުކޮށް ހަމާސްގެ މައްޗަށް އޮތް ބާރު އިތުރުކުރުމުގެ ވަގުތު އައިސްފައިވާ ކަމަށް ބުނެފައެވެ.


