އިއްޔެ ހަވީރު އިސްރާއީލުން ޣައްޒާ ސިޓީއާއި މެދު ޣައްޒާއަށް ދިން ހަމަލާތަކުގައި އާންމު އެތައް ރައްޔިތުންނެއް ޝަހީދުވެ، އިތުރު ގިނަ ބަޔަކު ޒަޚަމްވެއްޖެއެވެ.
ވަފާއިން ރިޕޯޓުކުރި ގޮތުގައި، ސަރާޔާ ޖަންކްޝަން ކައިރީގައި ހުރި ރިހާއިޝީ އިމާރާތެއްގެ މަތީ ބުރިއަށް އިސްރާއީލުން ދިން ހަމަލާއެއްގައި އަންހެނެއް ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވިއެވެ. މީގެ އިތުރުން، ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި އޮންނަ އަލް-ރިމާލް ސަރަހައްދުގައި ހުރި ރިހާއިޝީ އިމާރާތަކަށް އިސްރާއީލުގެ އާޓިލަރީން ދިން ހަމަލާއެއްގައި ދެ މަދަނީ ރައްޔިތުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވެފައިވެއެވެ.
ދެއިރު އަލް-ބަލަހުގައި އާންމުން އެއްވެ ތިބި ތަނަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ހަތަރު މީހުން ޝަހީދުވެ، އިތުރު ބަޔަކު ޒަޚަމްވިއެވެ. އަދި މެދު ޣައްޒާގައި އޮންނަ އަލް-މަޣާޒީ ރެފިއުޖީ ކޭމްޕްގެ ދެކުނުގައި އޮންނަ އަލް-މަސްދަރު ސަރަހައްދަށް އިސްރާއީލުގެ އާޓިލަރީން ދިން ހަމަލާއެއްގައި އަންހެނެއް ޝަހީދުވިއެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއީލުން ދަނީ ޣައްޒާއަށް ހަނގުރާމަވެރި ހަމަލާތައް ދެމުންނެވެ. މި ހަމަލާތަކުގައި މިހާތަނަށް 63,459 އާންމު ރައްޔިތުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 160,256 މީހުން ވަނީ ޒަޚަމްވެފައެވެ.


