ތުރުކީންގެ އިސްރާއީލާ އެކު އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވާ ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުޣާން އިއުލާންކުރައްވައިފިއެވެ. މިކަން އުރުދުޣާން އިއުލާނު ކުރެއްވީ ސައުދީ އަރަބިއްޔާ އާއި އަޒަރުބައިޖާނަށް ކުރެއްވި ދަތުރުފުޅަކަށްފަހު، އެއާޕޯޓުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.
"އުރުދުޣާންގެ ލީޑަރޝިޕްގެ ދަށުން ތުރުކީ ޖުމްހޫރިއްޔާގެ ސަރުކާރުން އިސްރާއީލާ އެކު ގުޅުން ކުރިއަށް ނުގެންދާނެ، އަޅުގަނޑުމެންގެ ވެރިކަމުގެ އިއްތިހާދުން އިސްރާއީލާ އެކު ގުޅުން ކަނޑާލުމަށް ނިންމާފައިވާ ނިންމުމުގައި ސާބިތުވެ ތިބޭނެ، އަދި މުސްތަޤުބަލުގައިވެސް މި ސްޓޭންޑް ދަމަހައްޓާނަން." އުރުދުޣާން ވިދާޅުވިއެވެ.
މިއަހަރުގެ މެއި މަހު އިސްރާއީލާ މެދު ވިޔަފާރީގެ އެމްބާގޯއެއް އަޅާފައިވީ ނަމަވެސް، އަދިވެސް އެ ޤައުމާ އެކު ޑިޕްލޮމެޓިކް ގުޅުން ދަމަހައްޓަމުން ގެންދެއެވެ. ތުރުކީ ސަރުކާރުން ރަސްމީކޮށް އެ ޤައުމުގެ ސަފީރު މިދިޔަ އަހަރު މަޝްވަރާތަކަށް އަނބުރާ ގެނެސްފައިވީ ނަމަވެސް، ޓެލް އަވީވްގައި ހުރި ތުރުކީގެ ޑިޕްލޮމެޓިކް މިޝަންތައް އަދިވެސް ހުޅުވާފައި ހުރެ މަސައްކަތްކުރަމުން ދެއެވެ. ހަމައެހެންމެ، އިސްރާއީލުން ވެސް މިދިޔަ އަހަރު އަންކާރާގައި ހުރި އެ ޤައުމުގެ އެމްބަސީ ސަރަޙައްދީ ސަލާމަތީ ނުރައްކާތަކެއްގެ ސަބަބުން ހުސްކޮށްފައިވެއެވެ.
ބުދަ ދުވަހު އުރުދުޣާން އިތުރަށް ވިދާޅުވި ގޮތުގައި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން ނަސްލު ފޫއަޅުވާލުން ކަމަށް ސިފަކޮށް، ޣައްޒާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ޢަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށް ތުރުކީން އެންމެ ފުރިހަމައަށް މަސައްކަތްކުރާނެއެވެ.
މިއަހަރުގެ ކުރީކޮޅު ތުރުކީން ވަނީ ބައިނަލްއަޤްވާމީ ޢަދުލު ކޯޓުގައި (އައިސީޖޭ) އިސްރާއީލާ ދެކޮޅަށް ހުށަހެޅުނު ނަސްލު ފޫއަޅުވާލުމުގެ މައްސަލައިގައި ފަލަސްޠީނުގެ ފަރާތުން އިންޓަރވީން ކޮށް، ޓެލް އަވީވްއާ ދެކޮޅަށް ހަތިޔާރުގެ އެމްބާގޯއެއް އެޅުމަށް ވަކާލާތުކޮށްފައެވެ.


