އިޒްރާއީލްގެ އިހުތިލާލު ބާރުތަކުން ޣައްޒާގެ އުތުރުގައި ހިންގި ބޮމުގެ ހަމަލާއެއްގައި 9 ފަލަސްތީނުން ޝަހީދުވެއްޖެއެވެ. މިއަދު ހިންގުނު މި ހަމަލާ ބައިތު ލާހިޔާ ޕްރޮޖެކްޓްގެ ދެ ސަރަހައްދަކަށް ވަނީ އަމާޒުކުރެވިފައެވެ.
"ވަފާ" އިން ރިޕޯޓުކުރި ގޮތުގައި، ކަމާލް އަދްވާން ހޮސްޕިޓަލްގެ ގޭޓު ކައިރީގައި ތިބި ބަޔަކަށް އަމާޒުކޮށް ހިންގުނު ހަމަލާއެއްގައި 5 މީހުން ވަނީ ޝަހީދުވެފައެވެ. އަދި ބައިތު ލާހިޔާ ޕްރޮޖެކްޓްގެ ގެއަކަށް އަމާޒުކޮށް ހިންގުނު ހަމަލާއެއްގައި އިތުރު 4 މީހުން ވަނީ ޝަހީދުވެފައެވެ.
މީގެ އިތުރުން، ރަފާހު ސިޓީއަށް އިޒްރާއީލްގެ ޑްރޯނަކުން ހިންގި ހަމަލާއެއްގައި އިތުރު އެއް މީހަކު ވަނީ ޝަހީދުވެފައެވެ. އަދި ދެ ދުވަސް ކުރިން ނުސައިރާތު ކޭމްޕުގައި ހިންގުނު ހަމަލާއެއްގައި ލިބުނު އަނިޔާއަކުން 10 އަހަރުގެ އަންހެން ކުއްޖަކު ވަނީ ޝަހީދުވެފައެވެ. މި ހަމަލާގައި އޭނާގެ މައިންބަފައިން ޝަހީދުވެ، އޭނާގެ ބޭބެއަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިޒްރާއީލްގެ އިހުތިލާލު ބާރުތަކުން ވައިން، ކަނޑުން އަދި އެއްގަމުން ޢައްޒާއަށް ދަނީ ހަމަލާ ދެމުންނެވެ. މި ހަނގުރާމައިގައި މިހާތަނަށް 43,665 ފަލަސްތީނު މަދަނީން ވަނީ ޝަހީދުވެފައެވެ. މީގެ ގިނަ އަދަދެއް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި 103,076 މީހުންނަށް ވަނީ އަނިޔާވެފައެވެ.


