އުތުރު ޣައްޒާގައި ހުރި ކަމާލް އަދްވާން ހޮސްޕިޓަލަށް އިސްރާއީލީ ބާރުތަކުން އަނެއްކާވެސް ހަމަލާދީފިއެވެ. މި ހަމަލާގައި ހޮސްޕިޓަލުގެ ކުޑަކުދިންގެ ވޯޑަށް އަމާޒުކޮށް ބޮޑެތި ހަތިޔާރުން ހަމަލާދީފައިވާ ކަމަށް ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާ ވިދާޅުވެއްޖެއެވެ.
މި ހަމަލާގައި ދާދި ފަހުން އޮޕަރޭޝަނެއް ކޮށްފައިވާ 13 އަހަރުގެ އަންހެން ކުއްޖަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ޑރ. ސަފިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެހެން 5 މީހަކަށްވެސް އަނިޔާވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިއީ ހޮސްޕިޓަލުގެ "އެންމެ ފަހުގެ ފުރުސަތު" ކަމަށް ވެދާނެ ކަމަށެވެ. އަދި ހޮސްޕިޓަލް ދޫކޮށް ދިއުމަށް އިންކާރުކުރި ހުރިހާ މުވައްޒަފުން މަރާލުމަށް ނިންމާފައިވާ ކަމަށް ހަބަރު ލިބޭ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މި ހަމަލާ ދީފައިވަނީ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ވަފުދެއް ބައެއް ބަލިމީހުން އެތަނުން ނެރުމަށް މަސައްކަތްކުރަމުންދިޔަ ވަގުތެއްގައި ކަމަށް ޑރ. ސަފިއްޔާ ވިދާޅުވިއެވެ. ހަމަލާގެ ގަދަކަމާއި ނުރައްކާތެރިކަމުގެ ސަބަބުން ޑަބްލިއުއެޗްއޯގެ ވަފުދަށްވެސް ހޮސްޕިޓަލުގެ ޑިޕާޓްމަންޓްތަކުގައި ރައްކާތެރިކަން ހޯދަން ޖެހުނު ކަމަށް އޭނާ ވިދާޅުވިއެވެ.
ހޮސްޕިޓަލްތަކާއި މަދަނީ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ކަމެއްކަން ފާހަގަކޮށް، މިފަދަ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައިވެއެވެ.


