އަފްޣާނިސްތާނުގެ އިރުމަތީ ސަރަހައްދަށް ހޯމަ ދުވަހުގެ ރޭ އައި ވަރުގަދަ ބިންހެލުމެއްގައި 800 މީހުން މަރުވެ، 2،500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެ ކަމަށް ޠާލިބާން ސަރުކާރުން ހާމަކޮށްފިއެވެ.
ރެކްޓަރ މިންގަނޑުން 6.0 ގެ ބާރުމިނުގައި މި ބިންހެލުން އައީ ކުނަރު ޕްރޮވިންސްގެ ރަށްތަކަށާއި، ނަންގަހާރު ޕްރޮވިންސްގެ ޖަލަލާބާދު ސިޓީ ކައިރި ސަރަހައްދުތަކަށެވެ. މި ބިންހެލުމުގެ ސަބަބުން ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ވެފައިވެއެވެ.
އެންމެ ބޮޑަށް ގެއްލުން ލިބުނު ނޫގަލް ޑިސްޓްރިކްޓްގެ އެއް ރަށުގެ ރައްޔިތެއް ބުނި ގޮތުގައި އެ ރަށް ވަނީ މުޅިން ހަލާކުވެފައެވެ. "ކުޑަކުދިންނާއި، މުސްކުޅިންނާއި، ޒުވާނުން ވެސް ވަނީ ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުގައި. އަޅުގަނޑުމެންނަށް އެހީ ބޭނުންވޭ. މީހުން މިތަނަށް އައިސް އަޅުގަނޑުމެންނާއެކު މަސައްކަތްކޮށްދޭން ބޭނުންވޭ. ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ދަށުން މަރުވެފައިވާ މީހުން ނެގޭނެ އެއްވެސް މީހަކު ނެތް،" އޭނާ ބުންޏެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ބުނާ ގޮތުގައި މި ބިންހެލުން އައީ ރޭގަނޑު 12 ޖެހުމުގެ ކުރިންނެވެ. އަދި ބިންހެލުން އައީ ޖަލަލާބާދުން އިރުމަތިން 27 ކިލޯމީޓަރު ދުރުންނެވެ. މި ބިންހެލުމަށްފަހު އިތުރު ކުދި ބިންހެލުންތަކެއް ވެސް އައިސްފައިވެއެވެ.
ޠާލިބާން ސަރުކާރުގެ މައި ސްޕޯކްސްޕަރސަން ޒަބިހުއްލާ މުޖާހިދު ނޫސްވެރިންނާ ބައްދަލުކޮށް ބުނި ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 800 އަށް އަރާފައެވެ. އަދި 2،500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ކުނަރު ޕްރޮވިންސްގައެވެ. މި ބިންހެލުން ޕާކިސްތާނުގެ ވެރިރަށް އިސްލާމާބާދުގައި ވެސް އިހުސާސްކުރެވުނު ނަމަވެސް، އެ ޤައުމުގައި އެއްވެސް ގެއްލުމެއް ވެފައެއް ނުވެއެވެ.


