ޔޫރޯ-މެޑިޓެރޭނިއަން ހިއުމަން ރައިޓްސް މޮނިޓަރުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރުގެ އޮކްޓޯބަރު މަހު އެކަނި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ހިޔާ މަރުކަޒުތަކަށް 39 ފަހަރު ހަމަލާދީފައިވެއެވެ. އަދި މި ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ 188 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ޔޫރޯ-މެޑް މޮނިޓަރުންގެ ފީލްޑް ޓީމުން ރެކޯޑްކޮށްފައިވާ ގޮތުގައި، މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ޖުމްލަ 65 ފަހަރު އިސްރާއީލުން ބޯހިޔާވަހިކަމަށް ބޭނުންކުރާ ސްކޫލްތަކާއި، ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި، ހޯލްތަކަށް ހަމަލާދީފައިވެއެވެ. މީގެ ތެރެއިން 39 ހަމަލާ ދީފައިވަނީ އޮކްޓޯބަރު މަހުގައެވެ. މި ހާދިސާތަކުގައި ފަލަސްތީނުގެ 672 މީހުން ޝަހީދުވެ، 1000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގެ ތެރެއިން 57 ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށާއި ޣައްޒާ ސިޓީގެ ތަންތަނަށެވެ. އަދި 8 ހަމަލާ ދީފައިވަނީ ޣައްޒާގެ މެދުތެރޭގެ ތަންތަނަށެވެ. މި ހަމަލާތަކުގެ ތެރޭގައި ބޮން ގޮއްވުމާއި، ސީދާ ބަޑީގެ ހަމަލާތައް ދިނުމާއި، ގަދަކަމުން ގެދޮރު ގެއްލިފައިވާ މީހުންނާއި އެމީހުންގެ އާއިލާތައް މަރާލުން ހިމެނެއެވެ.
ޔޫރޯ-މެޑް މޮނިޓަރުން ވިދާޅުވެފައިވަނީ، އިސްރާއީލުން މި ގޮތަށް ހިޔާ ދޭ މަރުކަޒުތައް ހަލާކުކޮށްލުމުގެ ނިޒާމީ ސިޔާސަތު ގެންގުޅެނީ ފަލަސްތީނުގެ ރައްޔިތުން ހަލާކުކޮށް، މަޖުބޫރުން ގެދޮރު ގެއްލުވާލުމާއި، އެ ސަރަހައްދުގެ ޑިމޮގްރަފިކް މޭކަޕަށް ބަދަލު ގެނައުމުގެ މަޤްޞަދުގައި ކަމަށެވެ. މީގެ ސަބަބުން ފަލަސްތީނުގެ އެތައް އާއިލާއެއް ވަކިވެ، އެ މީހުންގެ ނަފްސާނީ ތަކުލީފުތައް، ހާއްސަކޮށް ކުޑަކުދިންގެ މެދުގައި އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ޢަމަލުތަކެއް ކަމަށް ބެލެވޭއިރު، ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ޔޫރޯ-މެޑް މޮނިޓަރުން ގޮވާލައްވާފައިވެއެވެ.


