އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ހަރުކަށިވަމުންދާ ކަމަށް ފެންނަ ކަމަށާއި، އާދީއްތަ ދުވަހު އެކަނި ޣައްޒާގެ އެކި ސަރަޙައްދުތަކުގައި 50 އަށްވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ފަލަސްތީނު ސިވިލް ޑިފެންސްއިން ހާމަކޮށްފިއެވެ.
މީގެ ތެރޭގައި 5 ނޫސްވެރިން ހިމެނޭ ކަމަށާއި، އެތަނުން ގިނަ ނޫސްވެރިން މަރުވެފައިވަނީ އުތުރު ޣައްޒާގައި ހުންނަ އަލް-ޝަތީ ރެފިއުޖީ ކޭމްޕުގައި ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އޮކްޓޯބަރު 8، 2023 އިން ފެށިގެން މިހާތަނަށް އިސްރާއީލުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2،672 އަށް އަރާފައިވާ ކަމަށާއި، އަދި 12،468 މީހުން ޒަޚަމްވެފައިވާ ކަމަށް ލެބަނަންގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މި ހާލަތުގައި ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން މަސައްކަތްތަކެއް ކުރަމުންދާއިރު، މިސްރުގެ ރައީސް އަބްދުލްފައްތާޙް އަލް-ސީސީ ވަނީ ދޯހާގައި ހުށަހެޅި ހުށަހެޅުމެއްގައި ހިމެނެނީ ޣައްޒާގައި ދެ ދުވަހުުވަހުގެ ހަނގުރާމަ ހުއްޓުވުމަށާއި، އަދަދެއް ކަނޑައެޅިފައިނުވާ ފަލަސްތީނު ރަހީނުންތަކެއް ދޫކޮށްލުމާ ބަދަލުގައި 4 އިސްރާއީލު ރަހީނުން ދޫކޮށްލުމަށް އެދިފައިވާކަމަށް ބުނެފައެވެ. މި މަޝްވަރާތައް ކުރިއަށްދަނީ އެމެރިކާ، އިސްރާއީލް އަދި މިސްރުގެ ޖާސޫސީ އިސްވެރިންނާއި ޤަޠަރުގެ އިސްވެރިންނާ ދެމެދުގައެވެ.
މި ހަނގުރާމައިގެ ސަބަބުން ސަރަޙައްދީ ހަނގުރާމައަކަށް ވެގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް ޔޫކޭގެ ފޮރިން ސެކްރެޓަރީ ޑޭވިޑް ލެމީ ބުނެފައިވެއެވެ. އެގޮތުން އޭނާ އިސްރާއީލާއި އީރާނުގެ އެމް.އެފް.އޭ އާ ވަކިވަކިން ފޯނުން ގުޅައި ވާހަކަދައްކާ، މި ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ވެއެވެ.


