އުތުރު ޣައްޒާގައި މަސައްކަތްކުރަމުންދިޔަ އެންމެ ފަހުގެ ހޮސްޕިޓަލް ކަމުގައިވާ ކަމާލް އަދުވާން ހޮސްޕިޓަލަށް އިސްރާއީލުގެ ސިފައިން ހުކުރު ދުވަހު ވަދެ ހަމަލާދީފިއެވެ.
މި ހަމަލާގެ ސަބަބުން އުތުރު ޣައްޒާގެ ސިއްޙީ ނިޒާމު މުޅިން ހުއްޓިފައިވާކަމަށް ފަލަސްތީނުގެ ސިއްޙަތު މިނިސްޓްރީގެ އިސް ވެރިއެއް ވަނީ ބުނެފައެވެ.
ފަލަސްތީނުގެ ސިއްޙަތު މިނިސްޓްރީގެ ފީލްޑް ހޮސްޕިޓަލްތަކުގެ ޑިރެކްޓަރު މަރުވާން އަލް-ހޮމްސް ބުނި ގޮތުގައި، މި ހަމަލާގައި ހޮސްޕިޓަލުގެ މެޑިކަލް ސަޕްލައިތައް ހަލާކުކޮށް، މުވައްޒަފުން ހައްޔަރުކޮށްފައިވެއެވެ. މީގެ ސަބަބުން ހޮސްޕިޓަލުގައި ތިބި 200 އާ ގާތްކުރާ ނާޒުކު ހާލަތުގައިވާ ބަލިމީހުންނަށް މަރުވުމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
ހޮސްޕިޓަލަށް ދިން ހަމަލާގައި އޮކްސިޖަން ސަޕްލައިއަށް ގެއްލުން ލިބުމުގެ ސަބަބުން ކުޑަކުދިން މަރުވެ، މެޑިކަލް މުވައްޒަފުންނަށް ޒަޚަމްވެފައިވާ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ. އަދި ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. ހުސާމް އަބޫ ސަފިއްޔާގެ ދަރިފުޅު މި ހަމަލާގައި މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
މި ހަމަލާއާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެފައިވާއިރު، ހަނގުރާމައިގެ ވަގުތުގައިވެސް ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ރައްކާތެރިކަން ލިބެންޖެހޭނެކަމަށް ގިނަ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.


