މާސްގެ އިސްވެރިޔާ ޔަޙްޔާ ސިންވަރު ޝަހީދުވުމަކުން އިސްރާއީލާ ދެކޮޅަށް ކުރާ މުޤާވަމަތު ހުއްޓުމަކަށް ނާންނާނެ ކަމަށް ހަމާސްގެ އިސްވެރިޔަކު ވިދާޅުވެއްޖެއެވެ.
ހަމާސްގެ ސިޔާސީ ވިންގުގެ އިސްވެރިޔެއް ކަމުގައިވާ ބާސިމް ނައީމް ވިދާޅުވީ "ލޮބުވެތި މީހުން ގެއްލުމަކީ ހިތާމަވެރި ކަމެއް" ނަމަވެސް މިއީ ފަލަސްތީނުގެ ޙަރަކާތުގެ ނިމުމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ލީޑަރުން މަރާލުމުން އަޅުގަނޑުމެންގެ ޙަރަކާތާއި ފަލަސްތީނު ރައްޔިތުންގެ ޖިހާދު ނިމުމަކަށް އަންނާނެ ކަމަށް އިސްރާއީލުން ޤަބޫލުކުރާ ކަމަށް ފެނޭ، ޝައިޚް އަޙްމަދު ޔާސިން މަރާލި އިރުވެސް އަދި ޢަބްދުލް ޢަޒީޒް އަލް-ރަންތިސީ މަރާލި އިރުވެސް އެމީހުން އެ ވާހަކަ ދެއްކި. އެކަމަކު ކޮންމެ ފަހަރަކު ހަމާސް ވަރުގަދަވެ، މަޤްބޫލުވަމުން ދިޔައީ." ނައީމް ވިދާޅުވިއެވެ.
61 އަހަރުގެ ސިންވަރު ޝަހީދުވެފައިވަނީ ބުދަ ދުުވަހު އިސްރާއީލު ސިފައިންނާއެކު ހިނގި ހަނގުރާމައެއްގައެވެ. އޭނާ ޝަހީދުވި ޚަބަރު އިޢުލާނުކުރީ ބުރާސްފަތި ދުވަހުުވަހުއެވެ. އިސްރާއީލު ސިފައިން ދައްކާލި ޑްރޯން ފުޓޭޖެއްގައި ވަނީ ސިންވަރު ހުރި ގެއަށް ޑްރޯނެއް ކައިރިވަމުން ދިޔަ ވަގުތު އޭނާ ޑްރޯނާ ދިމާއަށް ދަނޑިއެއް އެއްލާ މަންޒަރެވެ. އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އިސްރާއީލު ސިފައިން ވަނީ އެގެއަށް ބޮންއަޅާ ސިންވަރު ޝަހީދުކޮށްފައެވެ.
"ހަމާސްއަކީ މިނިވަންކަމަށް އެދޭ މީހުން ލީޑުކުރާ މިނިވަންކަމުގެ ޙަރަކާތެއް. މިއީ ނައްތާލެވޭނެ އެއްޗެއް ނޫން،" ނައީމް އިތުރަށް ވިދާޅުވިއެވެ.
އަދި މިނިވަންކަމަށްޓަކައި ކުރާ ޖިހާދު ކުރިއަށް ގެންދާނެ ކަމަށްވެސް އެ ބޭފުޅާ ވިދާޅުވިއެވެ.
ސިންވަރު ޝަހީދުވިތާ ތިން ދުވަސް ފަހުން، ހޮނިހިރު ދުވަހު، އިސްރާއީލު ސިފައިން ވަނީ ދެކުނު ޣައްޒާގައި ލީފްލެޓްތަކެއް އުކާލާފައެވެ. އެ ލީފްލެޓްތަކުގައި ވަނީ ސިންވަރުގެ ޝަހީދުވެފައިވާ ހަށިގަނޑު ގޮނޑިއެއްގައި އޮތް މަންޒަރެވެ.
މި ޢަމަލަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ބުނެ ގިނަ ފަރާތްތަކުން އެކަން ވަނީ ފާޅުގައި ކުށްވެރިކޮށްފައެވެ.


