Tuesday, 28 July 2026

ޣައްޒާގެ އުތުރަށް އިސްރާއީލުން ދިންހަމަލާތަކުގައި 87 މީހުން ޝަހީދުވެއްޖެ

އިސްރާއީލުން އުތުރު ޣައްޒާގެ ގިނަ ގެތަކަކަށް ހޮނިހިރު ދުވަހުގެ ރެޔާއިި އާދީއްތަ ދުވަހުގެ ހެނދުނު ދިން ހަމަލާތަކުގައި 87 މީހުން ޝަހީދުވެ، ގެއްލިފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދީފިއެވެ.

އެ ވުޒާރާއިން ވަނީ މީގެ އިތުރުން 40 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައެވެ.

މި ހަމަލާތައް އަމާޒުކުރެވިފައިވަނީ ބައިތު ލަހިޔާ ސަރަޙައްދަށެވެ. މިއީ ގާތްގަނޑަކަށް އަހަރެއް ކުރިން އިސްރާއީލުން އެއްގަމު ހަމަލާތައް ފެށި ފުރަތަމަ ސަރަޙައްދުތަކުގެ ތެރޭގައި ހިމެނޭ ތަނެކެވެ.

އިސްރާއީލުން ބުނާ ގޮތުގައި، ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އުތުރު ޣައްޒާގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުންދަނީ އެ ސަރަޙައްދުގައި ހަމާސް އަލުން އެއްވެފައިވާތީއެވެ. ނަމަވެސް، ފަލަސްޠީނު އޮފިޝަލުން ބުނާ ގޮތުގައި މި ހަމަލާތަކުގެ ސަބަބުން އެތައް ސަތޭކަ މީހުން ޝަހީދުވެފައިވެއެވެ.

މި ދަނޑިވަޅުގައި، އިސްރާއީލުން އީރާނަށް ހަމަލާދިނުމަށް ރާވާފައިވާ ގޮތުގެ އެސެސްމަންޓް ހިމެނޭ، ހުއްދަނެތި ހާމަކޮށްފައިވާ ސިއްރު ލިޔެކިޔުންތަކެއް ތަޙުޤީޤުކުރަމުންދާ ކަމަށް އެމެރިކާގެ އިސް އޮފިޝަލުން ވަނީ ބުެނފައެވެ.މި ލިޔެކިޔުންތަކުން ދައްކާގޮތުގައި، އޮކްޓޯބަރު 1 ގައި އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އަސްްކަރީ ހަމަލާއެއް ދިނުމަށް އިސްރާއީލުން ދަނީ ތައްޔާރުވަމުންނެވެ.

ހަމާސްގެ ލީޑަރު ޔަޙްޔާ ސިންވާރު މަރާލުމަށްފަހު، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން އިސްރާއީލަށް ވަނީ ގޮވާލާފައެވެ. ނަމަވެސް، އޯގަސްޓް މަހު މަޝްވަރާތައް ހުއްޓުމަކަށް އައުމަށްފަހު، އިސްރާއީލު އަދި ހަމާސްއިން އެފަދަ އެއްބަސްވުމަކަށް އަލުން ޝައުޤުވެރިކަމެއް އަދި ދައްކާފައެއް ނުވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *