އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ގެއާ ދިމާއަށް ޑްރޯން ހަމަލާއެއް ފޮނުވާލައިފި އެވެ. އިސްރާއީލު ސަރުކާރުން ބުނާ ގޮތުގައި މިއަދު ދިން މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި ހަމަލާދިން ވަގުތު ނެތަންޔާހޫ އާއި އަންހެނުން ގޭގައި ނެތް ކަމަށް ވެސް އިސްރާއީލުން ބުނެފައިވެއެވެ.
މި ހަމަލާ ދީފައިވަނީ އިސްރާއީލާއި ލެބަނޮނުގެ ހިޒްބުﷲއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ގަދަވެފައިވާ ދަނޑިވަޅެއްގައެވެ. ހިޒްބުﷲއިން ބުނެފައިވަނީ އިތުރު މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން އިސްރާއީލަށް ހަމަލާދިނުމުގެ އައު މަރުހަލާއެއް ފަށާނެ ކަމަށެވެ.
އަނެއްކޮޅުން، ޣައްޒާގައި އިސްރާއީލުން ދޭ ހަމަލާތައް ވެސް ވަނީ ހަރުކަށިވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި 50 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ހޮސްޕިޓަލުތަކުގެ އޮފިޝަލުން ބުނެފައިވެއެވެ. މީގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެއެވެ.
އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ޢަލީ ޚާމެނީ ވިދާޅުވެފައިވަނީ ހަމާސްގެ އިސްވެރިޔާ ޔަހްޔާ ސިންވާރު މަރުވުމަކީ ވޭންދެނިވި ގެއްލުމެއް ނަމަވެސް، ހަމާސްއިން ކުރިއަށް ދާނެ ކަމަށެވެ.


