ސަޢޫދީ ޢަރަބިއްޔާއިން ވަނީ ބޭރުމީހުންނާއި ރަށްވެހިންގެ މެދުގައި ގުޅުން ބަދަހިކުިކުރުމަށް އަމާޒުކޮށްގެން "ގްލޯބަލް ހާމަނީ" ނަމުގައި އައު އިސްނެގުމެއް ތަޢާރަފުކޮށްފިއެވެ. މި އިނީޝިއޭޓިވްގެ މައިގަނޑު މަޤްޞަދަކީ ޘަޤާފީ ކުރިއެރުވުމުގެ ތެރެއިން ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، މުޖުތަމަޢުއާއި އިންޑިއާ އަދި އެހެނިހެން ބޭރުމީހުންގެ މެދުގައި ގުޅުން ބަދަހިކުރުމެވެ.
ސަޢޫދީ ޢަރަބިއްޔާގެ މީޑިއާގެ ޑެޕިއުޓީ މިނިސްޓަރ ޚާލިދު ބިން ޢަބްދުލްޤާދިރު އަލްޣާމްދީ ވިދާޅުވީ މި އިސްނެގުމުން ބޭރުމީހުންގެ އެކި ޘަޤާފަތްތައް އަދި އެމީހުން އެއްބައިވަންތަކަމާއެކު ދިރިއުޅޭ ގޮތް ދައްކުވައިދޭނެ ކަމަށެވެ. މި އިނީޝިއޭޓިވްއަކީ ސަޢޫދީ ޢަރަބިއްޔާގެ "ވިޝަން 2030″ ގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހިންގާ "ކޮލިޓީ އޮފް ލައިފް" ޕްރޮގްރާމުގެ ބައެކެވެ.
އިންޑިއާގެ ސަފީރު ސުހެއިލް އަޖާޒު ޚާން ވިދާޅުވީ އިންޑިއާ މީހުންނަކީ ސަޢޫދީ ޢަރަބިއްޔާގައި އުޅޭ އެންމެ ބޮޑު ބޭރުމީހުންގެ މުޖުތަމަޢު ކަމަށާއި، ގާތްގަނޑަކަށް 2.6 މިލިއަން މީހުން ތިބި ކަމަށެވެ. އަދި ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ވެސް، މި އަދަދު 200،000 އަށް އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ގްލޯބަލް ހާމަނީ އިނީޝިއޭޓިވްގެ ދަށުން ރިޔާދުގައި ހިނގަމުންދާ ފެސްޓިވަލެއްގައި އިންޑިއާގެ އިތުރުން ފިލިޕީންސް، އިންޑޮނޭޝިއާ، ޕާކިސްތާން، ޔަމަން، ސޫދާން، ޖޯޑަން، ލެބަނަން، ސީރިއާ، ބަންގްލަދޭޝް އަދި މިޞްރު ފަދަ ޤައުމުތަކުގެ ޘަޤާފީ ހަރަކާތްތައް ބޭއްވެއެވެ.
މި އިސްނެގުމަކީ ސަޢޫދީ ޢަރަބިއްޔާގައި ދިރިއުޅޭ ބޭރުމީހުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި، އެމީހުންގެ ޘަޤާފަތްތައް ފާހަގަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.


