Monday, 26 October 2026

ފަލަސްތީނު ރައްޔިތުން ޣައްޒާ ދޫކޮށްލުމާ ގުޅޭގޮތުން ނެތަންޔާހޫ ދެއްކި ވާހަކަތައް މިސުރާއި ގަތަރުން ކުށްވެރިކޮށްފި

ޣައްޒާގެ ފަލަސްތީނު ރައްޔިތުން އެހެން ތަންތަނަށް ބަދަލުކުރުމާ ގުޅޭ ގޮތުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ދެއްކި ވާހަކަތައް މިސުރާއި ގަތަރުން ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މީގެ ތެރޭގައި ރަފާހު ކްރޮސިންގ މެދުވެރިކޮށް ފަލަސްތީނުން އެހެން ތަންތަނަށް ފޮނުވާލުމުގެ ވާހަކަވެސް ހިމެނެއެވެ.

މިސުރުގެ ފޮރިން މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނެތަންޔާހޫގެ މި ވާހަކަތަކަކީ ސަރަހައްދުގައި ހަމަނުޖެހުން އިތުރުކޮށް، އިސްރާއީލުން ޣައްޒާގައި ކުރަމުންދާ އަނިޔާވެރި ޢަމަލުތަކުގެ ޒިންމާ ނުނަގައި، ސަރަހައްދުގެ ހަމަޖެހުން ނަގާލުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ.

އިސްރާއީލީ ޓެލެގްރާމް ޗެނަލް އަބޫ އަލީ އެކްސްޕްރެސްއަށް ދިން އިންޓަވިއުއެއްގައި ނެތަންޔާހޫ ވަނީ ޣައްޒާ އަލުން ބިނާކުރުމަށް ތަފާތު ޕްލޭންތަކެއް ހުރި ކަމަށާއި، ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި އެތަން ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެފައެވެ. އަދި މިއީ މަޖުބޫރުން ބަޔަކު ނެރެލުމެއް ނޫން ކަމަށްވެސް އޭނާ ބުނިއެވެ.

"އަހަރެންނަށް ރަފާހު ހުޅުވާލެވިދާނެ، އެކަމަކު މިސުރުން ވަގުތުން އެތަން ބަންދުކުރާނެ،" ނެތަންޔާހޫ ބުންޏެވެ.

މިސުރުގެ ފޮރިން މިނިސްޓްރީން ވަނީ މަޖުބޫރުން ނުވަތަ ބިރުދައްކައިގެން ފަލަސްތީނުން އެމީހުންގެ ބިމުން ނެރެލުމާ މެދު އެ ގައުމުގެ ހަރުކަށި އިންކާރު އަލުން ތަކުރާރުކޮށްފައެވެ. އަދި މިފަދަ ޢަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ހިލާފު، ބަލައިގަނެވޭނެ ހަނގުރާމައިގެ ކުށްތަކެއް ކަމަށް ބުނެފައިވެއެވެ.

މިސުރުން ބުނެފައިވަނީ އެފަދަ ޢަމަލުތަކުގައި އެ ގައުމުން ބައިވެރިނުވާނެ ކަމަށާއި، ފަލަސްތީނުން ތަން ދޫކޮށްލުމަށް މަގުފަހިކޮށްނުދޭނެ ކަމަށެވެ. އަދި މިއީ ފަހަނައަޅައި ނުދެވޭނެ ރަތް ރޮނގެއް ކަމަށްވެސް ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *