ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އާ ސީއީއޯގެ މަގާމަށް ޝަރީފް އައްޔަން ކުރަން ނިންމައިފިއެވެ.
މިއީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ސީއީއޯގެ މަގާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ޝަރީފް މަގާމާ ހަވާލުވެވަޑައިގަންނަވާނީ މާދަމާއިން ފެށިގެންނެވެ. ބީއެމްއެލް އިން ވިދާޅުވީ އެ ބޭންކަށް ދިވެހި ސީއީއޯއަކު އައްޔަން ކުރުމަކީ ބޭންކަށާއި ރާއްޖޭގެ މާލީ ދާއިރާއަށް ހާސިލް ކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށެވެ.
މާލީ ދާއިރާގައި 25 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަރީފަކީ ބީއެމްއެލްގައި ކުރިން މަސައްކަތް ކުރެއްވިއިރު މުހިންމު ބަދަލުތަކެއް ގެނައުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށް އެ ބޭންކުން ބުންޏެވެ. އޭގެ ތެރޭގައި ކޯ ބޭންކިން ސިސްޓަމާއި ކްރެޑިޓް ކާޑާއި ޑެބިޓް ކާޑާއި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން އާއި ސެލްފް ސާވިސް ބޭންކިން ތައާރަފް ކުރުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބޭންކަށް ހިދުމަތްކުރެއްވި މުއްދަތުގައި ޝަރީފް ވަނީ ބޭންކުގެ ސްޓްރެޓެޖީ ހާސިލްކުރުމަށް ކުރެވުނު މުހިންމު މަސައްކަތުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރައްވާފައެވެ. މިގޮތުން ބޭންކުގެ މުހިންމު ޑިޕާޓްމަންތަކެއް ކަމަށްވާ އިސްލާމިކް ބޭންކިން، ޓެކްނޮލޮޖީ، މާކެޓިން، ރީޓެއިލް ބޭންކިންއަދި އޮޕްރޭޝަންސް ހިންގެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވެއެވެ.
އިނގިރޭސި ވިލާތުން އެމްބީއޭ ހާސިލް ކުރައްވާފައިވާ ޝަރީފް ބީއެމްއެލްގައި ހިދުމަތް ކުރެއްވުމަށް ފަހު، އޭނާ ވަކިވެވަޑައިގަތީ 2020 ގަ އެވެ. އޭގެ ފަހުން މިހާތަނަށް މަސައްކަތް ކުރެއްވީ ޕްރައިވެޓް ސެކްޓާގައި އެގްޒެކެޓިވް މަގާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގަ އެވެ.


