Tuesday, 28 July 2026
އިސްރާއިލުން ޖަބާލިޔާ ކޭމްޕްގައި ޝަހީދުކޮށްލި ތުއްތު ކުއްޖެއް -- ފޮޓޯ: އަނަސް އަލް ޝާރިފް

އިސްރާއީލުން ދިން ހަމަލާތަކެއްގައި ޖަބާލިޔާ ރެފިއުޖީ ކޭމްޕުން ގިިނަ އަދަދެއްގެ މީހުން ޝަހީދުވެއްޖެ

އިސްރާއީލުން ދިން ހަމަލާތަކެއްގައި ޖަބާލިޔާ ރެފިއުޖީ ކޭމްޕުން ގިިނަ އަދަދެއްގެ މީހުން ޝަހީދުވެއްޖެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވާ ގޮތުގައި، އުތުރު ޣައްޒާގެ ޖަބާލިޔާ ރަށާއި ރިފިއުޖީ ކޭމްޕަށް އިސްރާއީލުން އެއްދުވަހުގެ ތެރޭގައި ދިން ހަމަލާތަކުގައި މަދުވެގެން 30 މީހުން ވަނީ މަރުވެފައެވެ.

އެ އޭޖެންސީގެ ތަރުޖަމާނު، މަޙްމޫދު ބައްސާލް ބުނިގޮތުގައި، ރޭގަނޑު 9:40 ހާޢިރު ދިން ހަމަލާއެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭގޮތަށް 12 މީހުން ޝަހީދުވެފައި ވެއެވެ. އަދި 14 މީހުން ގެއްލިފައިވާއިރު، އެމީހުން ވާނީ ބިމުގެ ތެރެއަށް ވަޅުލެވިފައި ކަމަށް ލަފާކުރެވެއެވެ.

މި ހާދިސާގެ ކުރިން، އެ އޭޖެންސީގެ އުތުރު ޣައްޒާގެ ޑިރެކްޓަރު، އަޙްމަދު އަލް-ކަހްލޫޓް ބުނިގޮތުގައި، އެކި ހަމަލާތަކުގައި 18 މީހުން ޝަހީދުވެފައި ވެއެވެ. މީގެ ތެރޭގައި ރެފިއުޖީން ދިރިއުޅެމުންދިޔަ 8 ސްކޫލަކަށް ދިން ހަމަލާތަކުގައި ޝަހީދުވި މީހުން ހިމެނެއެވެ.

ބައްސާލް އާއި ކަހްލޫޓް ދިން މަޢުލޫމާތުގެ މައްޗަށް ބަލާއިރު، ޖުމްލަ ގޮތެއްގައި މިދުވަހުގެ ހަމަލާތަކުގައި މަދުވެގެން 110 މީހުންނަށް އަނިޔާވެފައިވެއެވެ. ޖަބާލިޔާގެ

ޖަބާލިޔާއަކީ ޣައްޒާގެ އެންމެ ބޮޑު ރިފިއުޖީ ކޭމްޕެވެ.

މީގެ ކުރިން، ރޯއިޓާއިން ޑޮކްޓަރުންނާއި ހަވާލާދީ ބުނެފައިވަނީ ހުކުރު ދުވަހު މުޅި ޣައްޒާގައި މަދުވެގެން 54 ފަލަސްތީނު މީހުން ޝަހީދުވެފައިވާކަމަށެވެ.

އިސްރާއީލުގެ ސިފައިން ބުނާގޮތުގައި ޖަބާލިޔާގައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން ވަނީ މަރާލާފައެވެ. ނަމަވެސް އެކަމުގެ ހެއްކެއް ދެއްކިފައިނުވާއިރު، ނޫސްވެރިން އެ ސަރަހައްދުން ނެގި ފޮޓޯތަކުގައި މަރުވެފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ފެނެއެވެ

އިސްރާއީލުން ބޭރުގެ ނޫސްވެރިން އެތަނަށް ވަދެވޭގޮތް ނުހަދާތީ، ކޭމްޕުގައި މަރުވި މީހުންގެ އަދަދު މިނިވަން ގޮތެއްގައި ކަށަވަރެއް ނުކުރެވެއެވެ.

މީގެ އިތުރުން، މެޑިސިން ސަން ފްރޮންޓިއާ (އެމްއެސްއެފް) ޗެރިޓީން ބުނެފައިވަނީ ހާހަށް ވުރެ ގިނަ މީހުން އަދިވެސް ކޭމްޕުގައި ބަންދުވެފައި ތިބި ކަމަށެވެ. އަދި އެ ޖަމްޢިއްޔާގެ މުވައްޒަފަކު ބުނެފައިވަނީ އެތަނުން ނުކުތުމަށް މަސައްކަތްކުރާ މީހުންނަށް ވަޒަން އަމާޒުކުރެވޭ ކަމަށެވެ. އިސްރާއީލުން ވަނީ އުތުރު ޣައްޒާއިން ފުޅާ ދާއިރާއެއްގައި އެތަން ހުސްކުރުމަށް އަމުރުކޮށްފައެވެ.

ހުކުރު ދުވަހު ފަތިހުން ފެށިގެން ޖަބާލިޔާގައި މަރުވި މީހުންގެ ތެރެއިން މަދުވެގެން 15 މީހުން މަރުވެފައިވަނީ އިސްރާއީލުން އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައެވެ. މީގެ ތެރޭގައި ހިމެނެނީ ރެފިއުޖީން ތިބި ސްކޫލަކަށް ދިން ހަމަލާއެއްވެސް ކަމަށް ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ ވަފާއިން މެޑިކަލް ފަރާތްތަކާ ހަވާލާދީ ބުނެފައިވެއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ އެ ސްކޫލަށް އިސްރާއީލުގެ ކުއަޑްކޮޕްޓަރ ޑްރޯނުން ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ.

އިސްރާއީލުގެ ސިފައިން ވަނީ ޖަބާލިޔާގެ އިތުރުން ކައިރީގައިވާ ބައިތް ހަނޫން އަދި ބައިތް ލަހިޔާ ރަށްތަކަށްވެސް ވަދެފައެވެ. އަދި ހަމާސްއިން ބުނެފައިވަނީ އިސްރާއީލުގެ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.

ފަލަސްތީނުގެ ސިއްހީ އޮފިޝަލުން ބުނެފައިވާ ގޮތުގައި މިހާތަނަށް މި އޮޕަރޭޝަންގައި މަދުވެގެން 130 މީހުން ޝަހީދުވެފައިވެއެވެ. އަދި ސިފައިން ވަނީ އެތަނުން މީހުން ނުކުތުމަށް އަންގާފައެވެ.

އދ. ގެ އަންދާޒާތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުގައި 400,000 އަށްވުރެ ގިނަ މީހުން ބަންދުވެފައި ތިބިކަމަށް ބެލެވެއެވެ. ސަލާމަތްކުރާ މަސައްކަތްތެރިންނަށް އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން މަރުވެފައިވާ މީހުންނާއި އަނިޔާވެފައިވާ މީހުންނާ ހަމައަށް ވާސިލުވުމަށް ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *