Monday, 26 October 2026

ހިޒްބުއްލާގެ ލީޑަރު ނަސްރުއްލާގެ ޖާގައަށް އަންނާނެ ކަމަށް ލަފާކުރެވުނު ހާޝިމް ސަފީއުއްދީނާއި ވެސް ގުޅުން ކެނޑިއްޖެ

ހިޒްބުއްލާގެ އިސް ލީޑަރުންގެ ތެރެއިން އެކަކު ކަމުގައިވާ ހާޝިމް ސަފީއުއްދީނާއި ގުޅުން ކެނޑިފައިވާ ކަމަށް ލުބުނާނުގެ ސަލާމަތީ ވަސީލަތަކާއި ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

މަރުވެފައިވާ ހިޒްބުއްލާގެ ލީޑަރު ހަސަން ނަސްރުއްލާގެ ޖާގައަށް އަންނާނެ ކަމަށް ލަފާކުރެވުނު ސަފީއުއްދީނާއި ގުޅުން ކެނޑިފައިވަނީ ހުކުރު ދުވަހު ބެއިރޫޓުގެ ދަހިޔާ ސަރަހައްދަށް އިސްރާއީލުން ދިން ވައިގެ ހަމަލާއަކާ ގުޅިގެންނެވެ.

ހިޒްބުއްލާގެ އެގްޒެކެޓިވް ކައުންސިލުގެ ޗެއަރމަންގެ ގޮތުގައި ހުރި ސަފީއުއްދީނަކީ އެ ޖަމާޢަތުގެ ވަރަށް އިސް މަޤާމެއްގައި ހުރި މީހެކެވެ. އޭނާއަކީ ކުރީގެ ސެކްރެޓަރީ ޖެނެރަލް ނަސްރުއްލާގެ ކޮއްކޮއެއްގެ ދަރިއެކެވެ. މިކަން ބެއިރޫޓުން ރިޕޯޓުކުރި އަލްޖަޒީރާގެ ދޯސާ ޖައްބާރީ ބުނެފައިވެއެވެ.

ހުކުރު ދުވަހު ހެނދުނު ދިން ހަމަލާގައި މަރުވި މީހުންގެ ހަށިގަނޑުތައް ނެގުމަށް ސަލާމަތީ ޓީމުތައް އެ ސަރަހައްދަށް ވެއްދުމަށް ލުބުނާނުގެ އިސްވެރިންނާއި ހިޒްބުއްލާގެ އިސްވެރިން އަވަސްވެގަންނަ ކަމަށް ޖައްބާރީ ބުނެފައިވެއެވެ.

ޖައްބާރީ އިތުރަށް ބުނެފައިވަނީ ގިނަ ހިޒްބުއްލާ ކޮމާންޑަރުންނަކީ "ސިއްރު" ބައެއް ކަމަށާއި، ސަފީއުއްދީންގެ ނަން އާންމުވެފައިވަނީ ނަސްރުއްލާގެ ފަހަތުން އޭނާ އަންނާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރަން ފެށުމާ ގުޅިގެން ކަމަށެވެ. ނަސްރުއްލާ މަރުވެފައިވަނީ މިދިޔަ މަހު އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައެވެ.

"މިހާރު އޭނާވެސް އަވަހާރަވެފައިވާ ކަމުގެ ފުރުސަތު އޮތުމާއެކު، އެ ޖަމާޢަތުގެ ވެރިކަމުގެ ވާރުތަވެރިކަމުގެ މައްސަލަ އުފެދިގެން ދާނެ،" ޖައްބާރީ ބުނެފައިވެއެވެ.

މި ފަހުން ހިޒްބުއްލާގެ މީޑިއާ އޮފީހުން ނެެރުނު ބަޔާނެއްގައި ބުނެފައިވަނީ "ހިޒްބުއްލާގެ އިސްވެރިންގެ ހާލަތާ" ގުޅޭގޮތުން އެ ޖަމާޢަތުގެ ވަސީލަތްތަކުން ބުނާ ވާހަކަތަކަކީ ކޮންމެ ކޮންމެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ޖަމާޢަތުގެ މީޑިއާ އޮފީހުން ނެރޭ ބަޔާންތަކަށް މެނުވީ އިތުބާރު ނުކުރުމަށް އެ ޖަމާޢަތުން އިލްތިމާސްކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *