އިސްރާއީލުން ދޯހާގައި ތިބި ހަމާސްގެ ލީޑަރުންނަށް ހަމަލާދިނުމަށް ދުނިޔޭގެ ސަމާލުކަން އަމާޒުވެފައިވަނިކޮށް، ޣައްޒާއަށް ހަމަލާދީ އިއްޔެ އެކަނިވެސް 50 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފިއެވެ.
މީގެ ތެރޭގައި އިންސާނީ އެހީ ހޯދުމަށް ޣައްޒާގެ ދެކުނުގައި އެއްވެތިބި 9 ފަލަސްތީނު ރައްޔިތުންވެސް ހިމެނެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ފަލަސްތީނުންނަށް ދެކުނަށް ފިލުމަށް އިންޒާރުދިނުމަށްފަހު، ޣައްޒާ ސިޓީގައި އިސްރާއީލުގެ ހަމަލާތައް ވަނީ ހަރުދަނާކޮށްފައެވެ.
ވަފާ ނިއުސް އެޖެންސީން ރިޕޯޓުކުރި ގޮތުގައި، ޣައްޒާގެ ބަނދަރުގައި ހިޔާވަހިކަން ހޯދައިގެން ތިބި ޢާއިލާތަކަށް ޑްރޯން ހަމަލާއެއް ދިނުމުގެ ސަބަބުން ދެ މަދަނީ ރައްޔިތުން މަރުވެ، އެހެން ބަޔަކަށް ވަނީ އަނިޔާވެފައެވެ. މީގެ އިތުރުން އަލް-މުޚާބަރާތު ސަރަހައްދުގައި ހުރި 4 ގެއަކަށާއި ޣައްޒާ ސިޓީގެ އުތުރު ހުޅަނގުގައި ހުރި ޒައިދާން ބިލްޑިންގއަށްވެސް ވަނީ ހަމަލާދީފައެވެ.
ދެއިރު އަލް-ބަލަހުގެ ޓަލްބާނީ ސަރަހައްދުގައި ހުރި އެހެން ގެއަކަށްވެސް ވަނީ ހަމަލާދީފައެވެ. އަދި ޣައްޒާ ސިޓީގެ އުތުރު އިރުމަތީގައި އޮންނަ ތުއްފާހުގެ އަޒް-ޒަރްޤާ ސަރަހައްދުގައި މަދަނީ ރައްޔިތުންނަށް ދިން ހަމަލާއެއްގައި ދެ ޒުވާނުން ވަނީ ޝަހީދުވެފައެވެ.
އިސްރާއީލުން ވަނީ އިތުރު އިންޒާރުތަކެއް ދީ، ޣައްޒާ ސިޓީގެ ޖަމާލް އަބްދުއް ނާސިރު މަގުގައި ހުރި ވަކި އިމާރާތަކާއި އެ ސަރަހައްދުގައި ހުރި ޓެންޓުތަކުން ނުނިކުމެފިނަމަ މަރުވާނެކަމުގެ އިންޒާރު ދީފައެވެ. އަދި އެ ސަރަހައްދުގެ ރައްޔިތުންނަށް ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ އަލް-މަވާސީގެ އިންސާނީ ސަލާމަތީ ސަރަހައްދަށް ދިއުމަށް އަންގާފައެވެ.


