Tuesday, 28 July 2026

ފަލަސްތީނުގެ ދައުލަތް އުފެއްދުމުގެ ގަރާރު ފާސްކޮށްފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ފަލަސްތީނުގެ ދައުލަތެއް ނުއުފެދޭނެ ކަމަށް ވިދާޅުވިތާ 24 ގަޑިއިރު ނުވަނީސް، އދ. ގެ އާންމު މަޖިލީހުން ދެ ދައުލަތުގެ ހައްލަކަށް މަގުފަހިކުރާ ޤަރާރެއް ފާސްކޮށްފިއެވެ.

"ނިއު ޔޯކް ޑިކްލަރޭޝަން" ގެ ނަމުގައި ފާސްކުރި މި ޤަރާރުގައި، ދެ ދައުލަތުގެ ހައްލަކާ ދިމާލަށް ދެވޭނެ ވަކި މުއްދަތުތަކެއް ކަނޑައެޅި، ފަހަތަށް ނުދެވޭނެ ފިޔަވަޅުތަކެއް ބަޔާންކޮށްފައިވެއެވެ. މި ޤަރާރު ފާސްވެފައިވަނީ 142 މެންބަރުންގެ ތާއީދާއެކުއެވެ. އިސްރާއީލާއި އެމެރިކާ ހިމެނޭ ގޮތަށް 10 ޤައުމަކުން ވަނީ މި ޤަރާރާ ދެކޮޅު ހަދާފައެވެ. އަދި 12 ޤައުމަކުން ވޯޓުގައި ބައިވެރިނުވެ ތިއްބެވެ.

ފްރާންސާއި ސައޫދީ އަރަބިއްޔާއިން ހުށަހެޅި މި ހަތް ސަފުހާގެ ޤަރާރުގައި، ޣައްޒާގެ ހަނގުރާމަ ނިންމުމަށާއި، ދެ ދައުލަތުގެ ހައްލެއްގެ ތެރެއިން އިސްރާއީލު-ފަލަސްތީނު ހަމަނުޖެހުމަށް ދާއިމީ ހައްލެއް ހޯދުމަށް ގޮވާލާފައިވެއެވެ.

މީގެއިތުރުން، ޣައްޒާގެ ވެރިކަން ހިންގާ ހަމާސްއަށް ވަނީ ހުރިހާ ހަނގުރާމައިގެ ހައްޔަރީން ދޫކޮށްލުމަށާއި، ޣައްޒާގެ ވެރިކަން ފަލަސްތީނު އޮތޯރިޓީއާ ހަވާލުކުރުމަށް އަންގާފައެވެ. އަދި މިނިވަން އަދި އަމިއްލަ ފަލަސްތީނު ދައުލަތެއް އުފެއްދުމުގެ މަޤްޞަދުގައި ހަތިޔާރުތައް ފަލަސްތީނު އޮތޯރިޓީއާ ހަވާލުކުރުމަށްވެސް އަންގާފައިވެއެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ވަނީ ދެ ދައުލަތުގެ ހައްލަކާ ދިމާލަށް ޢަމަލީ ޕްލޭނެއް އެކުލަވާލުމަށް ސައޫދީ އަރަބިއްޔާ އާއި ފްރާންސްއިން ކުރި މަސައްކަތްތަކަށް މަރުހަބާ ކިޔާފައެވެ. އަދި އިސްރާއީލުގެ ކޮލޯނިއަލް އޮކިއުޕޭޝަން ނިމުމަކަށް ގެނައުމަށާއި ފަލަސްތީނު ރައްޔިތުންގެ ޝަރުޢީ ހައްޤުތައް ހޯދައިދިނުމަށް ހުރިހާ ވަސީލަތްތަކެއް ބޭނުންކުރުމަށް ގޮވާލާފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *