ބްލޫމްބާގް ނިއުސްއިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި، އެޕަލްއިން މި އަހަރުގެ އެންމެ ބޮޑު ޕްރޮޑަކްޓް ލޯންޗް އިވެންޓް ސެޕްޓެމްބަރު 10 ގައި ބޭއްވުމަށް ވަނީ ރާވާފައެވެ. މި އިވެންޓުގައި އެންމެ ފަހުގެ އައިފޯނުތަކާއި، ވޮޗުތަކާއި އަދި އެއަރޕޮޑްސްތައް ދައްކާލާނެއެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އަދި ރަސްމީކޮށް ތާރީޚު އިޢުލާނުކޮށްފައި ނުވިނަމަވެސް، ކުންފުނިން އެ ތާރީޚަށް ތައްޔާރުވަމުންދެއެވެ. އޭގެ ފަހުން، ފާއިތުވި އަހަރުތަކުގައި އެޕަލްއިން ޢަމަލުކުރަމުން އައި އާދަޔާ އެއްގޮތަށް، ސެޕްޓެމްބަރު 20 ގައި ފޯނުތައް ވިއްކަން ފަށާނެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.
އަދި ރިޕޯޓުގައި ބުނެފަވަނީ، އެނަލިސްޓުން ދެކޭގޮތުގައި އައިފޯން 16 ސީރީޒްއަށް ވަރަށް ބޮޑު އަޕްގްރޭޑެއް އަންނާނެކަމަށެވެ. އަދި އެޕަލްއިން އައިފޯނަށް މިހާތަނަށް ގެނައި އެންމެ ބޮޑު ސޮފްޓްވެއަރ އަޕްގްރޭޑް ނެރޭނެ ކަމަށް ބެލެވެކަމަށެވެ. މީގެ ތެރޭގައި އާޓިފިޝަލް އިންޓެލިޖެންސްގެ ފީޗަރތައް ހިމެނެއެވެ. މިކަން މިހެން ވަނީ، ސެމްސަންގް ފަދަ ވާދަވެރިން މިފަދަ ޚިދުމަތްތައް ނެރުމުގައި އެޕަލްއަށްވުރެ އަވަސްވެފައިވާ ދަނޑިވަޅެއްގައިކަމަށް އެނަލިސްޓުން ބުނެއެވެ.
މި އައު ޕްރޮޑަކްޓްތައް ނެރެނީ އެޕަލްއިން އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް ލަފާކުރާ ދަނޑިވަޅެއްގައެވެ. ތިންވަނަ ކުއާޓަރގައި ޖުމްލަ ގޮތެއްގައި ޗައިނާގެ ވިޔަފާރި އުންމީދާ ޚިލާފުވި ނަމަވެސް، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގަންނަ މީހުން އިތުރުކުރެވޭނެކަމަށް އެޕަލްއިން އުންމީދުކުރެއެވެ.
ވިޒިބަލް އަލްފާގެ މަޢުލޫމާތު ދައްކާ ގޮތުގައި، އެޕަލްގެ ތިންވަނައަށް އެންމެ ބޮޑު މާކެޓް ކަމުގައިވާ ޗައިނާގެ ވިއްކުންތައް 6.5 އިންސައްތައަށް ދަށްވެފައިވެއެވެ. މިއީ 2.4 އިންސައްތައަށް ދަށްވާނެ ކަމަށް ލަފާކުރެވުނު މިންވަރަށްވުރެ ބޮޑު ދަށްވުމެކެވެ.
ޖޫން މަހު ބޭއްވުނު އަހަރީ ޑިވެލޮޕަރ ކޮންފަރެންސްގައި، އެޕަލްއިން ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރުކުރެވުނު އޭއައި ސްޓްރެޓެޖީއެއް ހާމަކުރިއެވެ. މީގެ ދަށުން "އެޕަލް އިންޓެލިޖެންސް" ޓެކްނޮލޮޖީ "ސިރީ" ހިމެނޭ ގޮތަށް އެޕަލްގެ އެޕްތަކުގައި ބޭނުންކުރާނެއެވެ. އަދި އޯޕަންއޭއައިގެ ޗެޓްޖީޕީޓީ އެޕަލްގެ ޑިވައިސްތަކަށް ގެނެސްދޭނެއެވެ.
ނަމަވެސް، އެޕަލް އަދިވެސް ބަރޯސާވަނީ ގިނައިން އައިފޯނުގެ ވިއްކުންތަކަށެވެ. އަދި ބައެއް އެނަލިސްޓުން ބުނާ ގޮތުގައި، އައު އޭއައި ފީޗަރތަކުން ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ނުބެލެވެއެވެ.


