Tuesday, 28 July 2026

ޓިކްޓޮކްގެ މިލްކުވެރިކަން އެމެރިކާގެ ބެލުމުގެ ދަށަށް

ޓިކްޓޮކްގެ މިލްކުވެރިކަން އެމެރިކާގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް އެމެރިކާ އާއި ޗައިނާ އާ ދެމެދު އެއްބަސްވުމަކާއި ހަމައަށް ވާސިލްވެއްޖެއެވެ. މި އެއްބަސްވުމާ ގުޅޭ އިއުލާނު ދެ ގައުމުގެ އިސްވެރިން ވަނީ އިއްޔެ ކުރައްވާފައެވެ.

ޓިކްޓޮކްގެ މައި ކުންފުނި ކަމަށްވާ ބައިޓްޑާންސްއިން އެމެރިކާގެ ކުންފުންޏަކަށް ވިއްކާލުމަށް އެއްބަސްނުވާނަމަ ނުވަތަ ބަންދުކުރުން ފަސްނުކުރާނަމަ، ބުދަ ދުވަހު އެމެރިކާގައި ޓިކްޓޮކް ބަންދުކުރުމަށް ވަނީ ހަމަޖެހިފައެވެ. ވައިޓް ހައުސްއިން މިހާތަނަށް ތިން ފަހަރެއްގެ މަތިން ވަނީ މި ބަންދުކުރުން ފަސްކޮށްފައެވެ. އެންމެ ފަހުން މިކަން ފަސްކުރީ ޖޫން މަހުގައެވެ.

މި އެއްބަސްވުމާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުފާފާޅުކުރައްވާފައެވެ. މި އެއްބަސްވުން ފައިނަލް ކުރެވޭނީ ހުކުރު ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބާއްވާ މަޝްވަރާތަކަށް ފަހުގައެވެ.

"އަޅުގަނޑުމެންގެ ގައުމުގެ ޒުވާނުން ވަރަށް ބޮޑަށް ސަލާމަތްކުރަން ބޭނުންވި ކުންފުންޏަކާ ގުޅޭ އެއްބަސްވުމަކަށްވެސް ވާސިލުވެވިއްޖެ،" ޓްރަމްޕް ވިދާޅުވިއެވެ.

މެޑްރިޑްގައި ބޭއްވުނު ވިޔަފާރި މަޝްވަރާތަކުގައި ވާސިލުވި މި އެއްބަސްވުމުގެ ޝަރުތުތަކާ ބެހޭ ގޮތުން ވައިޓް ހައުސްއިން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މި މަޝްވަރާތައް ފެށުނީ މޭ މަހުގައެވެ.

އެމެރިކާގެ ޓްރޭޑް ކޮންސަލްޓަންޓް މާރިއާ ޕެޗުރީނާ ވިދާޅުވި ގޮތުގައި، ޓިކްޓޮކް ވިއްކާލުމުގެ އެއްބަސްވުމުން އެޕް ހިންގުން ދެމެހެއްޓުމުގެ އިތުރުން، ދެ ގައުމުގެ ވިޔަފާރި ގުޅުންތަކުގައި އުފެދިފައިވާ ކަންބޮޑުވުންތައް ކުޑަކޮށް، އިތުރު ވިޔަފާރި މަޝްވަރާތަކަށް މަގުފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *