14 ސެޕްޓެމްބަރު 2020 ގައި އިންޑިއާ ސިއްސުވާލީ އުއްތަރަ ޕްރަދޭޝްގެ ހަތުރާސް ޑިސްޓްރިކްޓްގައި ހަތަރު ފިރިހެނަކު ވެގެން އުމުރުން 19 އަހަރުގެ ދަލިތު އަންހެންކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވުމުންނެވެ. އެ އަންހެންކުއްޖާއަށް ދީފައި ހުރި އަނިޔާތަކުގެ ސަބަބުން ދެ ހަފުތާ ފަހުން އޭނާ މަރުވީ ދިއްލީގެ ހޮސްޕިޓަލެއްގަ އޮއްވައެވެ.
މި ހާދިސާ ހިނގާފައިވަނީ 14 ސެޕްޓެމްބަރު 2020 ވަނަ ދުވަހު މި އަންހެންކުއްޖާ ޖަނަވާރުގެ ކާނާ ނެގުމަށް ފާމަކަށް ގޮސް އުޅެނިކޮށެވެ. ރޭޕްގައި ބައިވެރިވިި ސަންދީޕް، ރާމޫ، ލަވްކުޝް އަދި ރަވީ ނަމަކަށް ކިޔާ ހަތަރު ފިރިހެނުން އަންހެންކުއްޖާގެ ކަރުގައި ދޯޕައްޓާ އައްސައިގެން ގެންދިއުމުގެ ސަބަބުން އޭނާގެ ސްޕައިނަލް ކޯޑަށް އަނިޔާވެފައި ވެއެވެ. އަދި ސްޕައިނަލް ކޯޑަށް ލިބުނު ސީރިއަސް އަނިޔާއަކާ އެކު އޭނާ ވަނީ ޕެރަލައިޒްވެފަ އެވެ. އަދި އަންހެންކުއްޖާގެ ދޫވެސް ވަނީ ބުރިކޮށްލާފައެވެ. ޒަހަމްތަކާއެކު އަންހެންކުއްޖާ އެއްލާލާފައިވަނިކޮށް ފެނިފައިވަނީ އޭނާގެ މަންމަ އަށެވެ.
މި ހާދިސާ ހިނގިތާ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އަނިޔާ ލިބުނު ކުއްޖާގެ ބޭބެ ވަނީ ބުނެފަ އެވެ. އޭނާ މަރުވުމާ ގުޅިގެން އާއިލާގެ ރުހުމަކާ ނުލައި ފުލުހުން ވަނީ އޭނާގެ ހަށިގަނޑު ގަދަކަމުން އަންދާލާފައިވާއިރު، އެ އާއިލާއަށް އަދިވެސް ވަނީ އިންސާފަު ނުލިބިއެވެ. އެގޮތުން 2023 ވަނަ އަހަރު އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތެރެއިން ތިން މީހަކު މިނިވަންކޮށް، އެކަކު މެރުމުގެ ކުށް ސާބިތުވާ ހުކުމް ކުރިއެވެ.
މިއީ ބަހެއްގެ ތެރޭގައި ރޭޕްކޮށްލި ނިރްބަޔާގެ ކޭސްއަށްފަހު، މިފަދަ މައްސަލަތައް ގިނަ އިންޑިއާގައި މި ފަހުގެ ތާރީހެއްގައި ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެއް މައްސަލައެވެ.
މި ވާހަކަތަކަށް ފަސް އެޅި އަޑިއަށް ގޮސްފައިވަނިކޮށް 9 އޮގަސްޓްގައި ކޮލްކަތާގައި ހުންނަ އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގައި ޑިއުޓީ ކުރަމުންދިޔަ 31 އަހަރުގެ ޕޯސްޓްގްރެޖުއޭޓް ޓްރެއިނީ ޑޮކްޓަރެއް ވަނީ ރޭޕްކޮށް މަރާލާފައެވެ. މި މައްސަލައަށްފަހު އަންހެންކުއްޖާގެ ހަށިގަނޑު އާއިލާއަށް ދައްކާފައިވަނީ ތިން ގަޑިއިރުގެ އިންތިޒާރަކަށް ފަހު އެވެ. ބައްޕައަށް އޭނާގެ އަންހެން ދަރިފުޅުގެ ހަށިގަނޑު ފެނުމުގެ ފުރުސަތު ދީފައިވާއިރު، ފޮޓޯ ނެގުމުގެ ހުއްދަ އޭނާއަށް ލިބުނީ އާއިލާ އަށް ދައްކާލުމަށް އެކަންޏެވެ.
އާއިލާ އާއި ހަވާލާދީ އެ މަންޒަރު އަންހެންކުއްޖާ އޮތީ ވަރަށް ނިކަމެތިކޮށް، ދެފައި 90 ޑިގްރީގެ އޭންގަލެއްގައި، އެއީ ސީރިއަސް ޕެލްވިކް ފްރެކްޗާއަކުން ދިމާވެދާނެ އަނިޔާއެއް،" ގާތް ތިމާގެ މީހާއާ ހަވާލާދީ އިންޑިއާ ޓުޑޭ އިން ބުންޏެވެ. މީގެއިތުރުން ޕޯސްޓްމޯޓަމް ހެދުމުން ޓްރެއިނީ ޑޮކްޓަރަށް ލިބުނު އަނިޔާގެ ބިރުވެރި ތަފްސީލުތައް ހާމަވެފައިވާއިރު، އޭގެ ތެރޭގައި ޖިންސީ ގުނަވަންތަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމުގެ ހެކިވެސް ހިމެނެއެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ އަންހެން ކުއްޖާގެ މޫނުމަތީގައި އެހާ ބާރަށް ޖެހުމުގެ ސަބަބުން އޭނާގެ ލޮލަށް ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ ލޮލާއި އަނގައިން ވެސް ލޭ ފައިބަމުން ދިޔަ ކަމަށާއި މޫނުމައްޗަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުގައި ވެއެވެ. އަދި އެ ކުއްޖާގެ ޖިންސީ ގުނަވަންތަކުންވެސް ލޭ އައިސްފައިވާއިރު، ބަނޑާއި ވާތު ފައި، ކަނދުރާ، ކަނާއަތް، އިނގިލި އަދި ތުންފަތުގައި ވެސް ޒަހަމްތަކެއް ހުރިކަމަށް ބުނެފައިވެއެވެ.
ޕޯސްޓް ގްރެޖުއޭޓް އަންހެން ޓްރެއިނީގެ ހަށިގަނޑު ފެނިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު ވެސްޓް ބެންގާލް ސަރުކާރުން ހިންގާ އާރްޖީ ކަރް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ސެމިނާ ރޫމްގެ ތެރެއިންނެވެ.
އަދި މި ޖަރީމާއާއި ގުޅިގެން އެ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ދިޔަ ވޮލަންޓިއަރ ސްޓާފެއް ކަމަށްވާ ސަންޖޯއި ރޯއީ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު (އޮގަސްޓް 10) އެވެ.
މި ރޭޕް ކޭސް އާއި ގުޅިގެން އިންޑިއާގެ ޑޮކްޓަރުން ވަނީ ގައުމީ ހަޅުތާލެއް ފަށައިފައެވެ. އެގޮތުން އިންޑިއާގެ އެންމެ ބޮޑު ޑޮކްޓަރުންގެ ގްރޫޕް ކަމަށްވާ އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ބުނީ ކޮންމެހެން ބޭނުން ނުވާ ހޮސްޕިޓަލްތަކުގެ ހުރިހާ ހިދުމަތްތަކެއް މުޅި އިންޑިއާއިން ހޮނިހިރު ދުހުވަހާއި ހަމައަށް ބަންދު ކުރާނެ ކަމަށެވެ.
މި މައްސަލައިގައި ކުރިއެރުން ނުލިބި ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު ލޯކަލް ޕޮލިހުން ވަނީ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އަށް ބަދަލުކޮށްފައެވެ.
އެ އަންހެން މީހާ މަރުވި ފަހުން އިންޑިއާގައި ރޭޕްގެ އިތުރު ހާދިސާތައް ސުރުޚީތަކަށް އަރާފައިވާއިރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ "އަންހެނުންނާ ދެކޮޅަށް ކުރާ މި ފަދަ ލާއިންސާނީ އަމަލުތަކަށް ހަރުކަށި އަދި އަވަހަށް އަދަބު ދޭން ޖެހޭ" ކަމަށް ވިދާޅުވެފައެވެ.


