ހުކުރު ދުވަހުގެ ރޭ 11 ޖެހިއިރު އިތުރު އިސްރާއީލު މީހެއްގެ ހަށިގަނޑެއް ރެޑް ކްރޮސްއާ ހަވާލުކޮށްފައިވާ ކަމަށް ހަމާސްގެ، އަލް-ޤައްސާމް ބްރިގޭޑްސްއިން ބުނެފިއެވެ. ނަމަވެސް މި ހަށިގަނޑު ލިބުނު ތަނުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހަށިގަނޑު ލިބުނުކަން އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ އޮފީހުންވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ހަށިގަނޑު އިސްރާއީލްގެ ހެލްތް މިނިސްޓްރީގެ ފޮރެންސިކް މެޑިސިން ސެންޓަރަށް ގެންގޮސް، ރަސްމީކޮށް ދެނެގަތުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ހަމާސްއިން ބުނެފައިވާ ގޮތުގައި، އެމެރިކާ މެދުވެރިވެގެން ވެފައިވާ އެއްބަސްވުމުގެ ދަށުން، ސުންނާފަތިވެފައިވާ ގައްޒާގެ ތެރެއިން ނުލިބިވާ ހުރިހާ ހަށިގަނޑެއް ރައްދުކުރުމަށް އެ ޖަމާޢަތުން އެއްބަސްވެފައިވެއެވެ. ނަމަވެސް އިތުރު ހަށިގަނޑުތައް ހޯދުމަށް ބޮޑެތި މެޝިނަރީއާއި އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
އަލްޖަޒީރާގެ ރިޕޯޓަރު ހަމްދާ ސަލްހުޓް ބުނެފައިވާ ގޮތުގައި، މިވަގުތު ގައްޒާގައި އަދިވެސް 18 ހަށިގަނޑު ވާކަމަށް ބެލެވެއެވެ. ހަމާސްއިން ބުނެފައިވަނީ މި ހަށިގަނޑުތައް ހޯދުމަށް ބޭނުންވާ ބޮޑެތި މެޝިނަރީއާއި ޓީމްތަކުގެ އެހީތެރިކަމަށް އިންތިޒާރު ކުރަމުންދާ ކަމަށެވެ.
ހަމާސްއިން އިތުރަށް ބުނެފައިވާ ގޮތުގައި، ބައެއް ހަށިގަނޑުތައް ވަނީ އިސްރާއީލުން ފަހުން ހަލާކުކޮށްލި ޓަނަލްތަކާއި އިމާރާތްތަކުގެ ތެރޭގައެވެ. އަދި މި ހަށިގަނޑުތައް ހޯދުމަށް ބޭނުންވާ އާލާތްތައް ގައްޒާއަށް ވެއްދުމަށް އިސްރާއީލުން ހުއްދަ ނުދޭ ކަމަށް ބުނެފައިވެއެވެ. މިސާލެއްގެ ގޮތުން، ތުރުކީއިން ހަށިގަނޑުތައް ހޯދުމަށް 81 މާހިރުން ފޮނުވަން ތައްޔާރަށް ތިބި ނަމަވެސް، އިސްރާއީލުން އެކަމަށް ހުއްދަ ދީފައެއް ނުވެއެވެ.


