އިސްރާއީލު ސިފައިން އެންމެ ފަހުން ވަށާލައި ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލަށް ދިން ބޮޑު ގެއްލުމުގެ ސަބަބުން އެތަން މިހާރު ވެފައިވަނީ އިންސާނީ ގަބުރުތަކުން ފުރިފައިވާ ހުސް ތޮށިގަނޑަކަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
އެ ޖަމިއްޔާއިން ވަނީ އަލްޝިފާ ހޮސްޕިޓަލްގެ އެތެރޭގައި ޣައްޒާގެ އެތައް ހާސް އާންމުންނެއް ހިމާޔަތް ހޯދަމުން ދަނިކޮށް އިސްރާއިލުން އެތަނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް "އެކްސް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލު ސިފައިން ދެ ހަފުތާއެއްހާ ދުވަސް ވަންދެން އެ ތަން ވަށާލައި، އެ ތަނަށް ދިން ހަމަލާތައް ނިމުމަކަށް ގެނެސް، ބަލި މީހުންނާއި މެޑިކަލް ސްޓާފުންގެ މެދުގައި އެތައް ބަޔަކު މަރުވިތާ ދުވަސްތަކެއް ފަހުން ޑަބްލިއުއެޗްއޯ އާއި ޕާޓްނަރުންގެ ޓީމެއް އަލް ޝިފާއަށް ޒިޔާރަތްކޮށް ހޮސްޕިޓަލުގެ ހާލަތު ދެނެގަތް ކަމަށެވެ.
"ޑަބްލިއުއެޗްއޯގެ ބައިވެރިންނަށް އަލްޝިފާއާ ހަމައަށް ވާސިލްވެވުނީ – ކުރިން އެއީ ޣައްޒާގެ ސިއްހީ ނިޒާމުގެ މައިބަދަ، އެކަމަކު މިހާރު އެއީ އިންސާނުންގެ ގަބުރުތަކާ އެކު ހުސް ތޮށިގަނޑެއް. މި މިޝަންގައި އެ ޓީމަށް ވަނީ މަދުވެގެން ފަސް މީހެއްގެ ހަށިގަނޑު ފެނިފައި،" ގެބްރިޔޭސުސް ވިދާޅުވި އެވެ.
ގެބްރިޔޭސުސް ވިދާޅުވީ ހޮސްޕިޓަލް ކޮމްޕްލެކްސްގައި ހުރި ގިނަ އިމާރާތްތަކާއި ގިނަ އެސެޓްތައް ހަލާކުވެ، އަނދާ އަޅިއަށް ވެފައިވާ ކަމަށެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި އެތަނުގެ މިނިމަލް ފަންކްޝަނަލިޓީ އަލުން އިއާދަކުރުމަކީ ވެސް ގަބޫލުކުރެވޭ ވަރުގެ ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަދި ބާކީ ހުރި އިމާރާތްތަކަކީ މުސްތަގުބަލުގައި ބޭނުންކުރުމަށް ރައްކާތެރި އިމާރާތްތަކެއްތޯ ބެލުމަށް އިންޖިނިއަރުންގެ ޓީމަކުން ވަރަށް ފުޅާ ދާއިރާއެއްގައި އެސެސްމަންޓެއް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަބްލިއުއެޗްއޯގެ މިޝަނަކުން މިދިޔަ މާޗް މަހުގެ 25 ވަނަ ދުވަހުން ފެށިގެން ގިނަ މަސައްކަތްތަކެއް ކޮށް ނާކާމިޔާބުވުމަށްފަހު، އެންމެ ފަހުން ހޮސްޕިޓަލަށް ވަދެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.
ޑަބްލިއުއެޗްއޯއިން ބުނި ގޮތުގައި ޣައްޒާގެ މައި 36 ހޮސްޕިޓަލުގެ ތެރެއިން ކުޑަކޮށްވެސް ހިދުމަތްދެވެނީ މހާާރު އެންމެ 10 ހޮސްޕިޓަލުންނެވެ. ބާކީ ހުރި ހޮސްޕިޓަލްތައް ވަނީ ސުންނާފަތިވެފައެވެ.


