ހައިދަރުއާބާދު (މާރޗް 25) – އިންސާނުންގެ ވަސީލަތަކުން ހޯދި ދުނިޔޭގެ ފުރަތަމަ މައިކޮބެކްޓީރިއަމް ޓީބީ ވެކްސިން ކަމަށްވާ އެމްޓީބީވީއޭސީގެ ކްލިނިކަލް ޓްރަޔަލްތައް ހައިދަރުއާބާދުގައި ހުންނަ ބާރަތު ބަޔޯޓެކުން އިންޑިއާގައި ފަށައިފި އެވެ.
މި ކްލިނިކަލް ޓްރަޔަލްގައި ވެކްސިންގެ ރައްކާތެރިކަމާއި އިމިއުނޯޖެނިޓީ އަދި އެފެކްޓިވްކަން ދެނެގަނެވޭނެ އެވެ. މިއީ ސްޕެއިންގެ ބަޔޯފާމާ ކުންފުނި ބަޔޯފެބްރީ އާއި ބާރަތު ބަޔޯޓެކް ގުޅިގެން ތަރައްގީ ކުރާ ވެކްސިނެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރަތު ބަޔޯޓެކަށް އަލަށް އުފަންވާ ކުދިންނާއި ޒުވާން އުމުރުގެ ކުދިންނާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ތަރައްގީ ކުރަމުން އަންނަ ލައިވް އެޓެނުއޭޓެޑް ވެކްސިނަށް ހާއްސަ ގްލޯބަލް މެނުފެކްޗަރިން ރައިޓްސް އޮންނާނެ އެވެ.
އެމްޓީބީވީއޭސީ އަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ބީސީޖީ ވެކްސިނަށް ވުރެ ހަރުދަނާ އަދި ދިގު މުއްދަތަކަށް ދެމިގެންދާނެ ވެކްސިނެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ވެކްސިނެކެވެ. އެއީ އަލަށް އުފަންވާ ކުދިންގެ އިތުރުން މިހާރު ހަރުދަނާ ވެކްސިނެއް ނެތް ބޮޑެތި މީހުންނާއި ޒުވާން އުމުރުގެ ކުދިންގެ ޓީބީ އިން ރައްކާތެރިކުރުން ކަމަށް މައުލޫމާތު ލިބެއެވެ.
މިހާރު ބޭނުންކުރަމުން އަންނަ ބީސީޖީ ވެކްސިނަކީ ބޯވައިން ޓީބީ ޕެތޮޖަންގެ އެޓެނުއޭޓެޑް ވޭރިއަންޓެއް ކަމަށާއި ބަލި ފެތުރުމުގެ ޒިންމާ އުފުލަން ޖެހޭ ޕަލްމޮނަރީ ޓީބީއަށް އޭގެ އަސަރު ވަރަށް މަދު ކަމަށް ބުނެއެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު އަދި އެންމެ ގިނަ އަދަދަކަށް ޓީބީ ގެ ކޭސްތައް ފެންނަ ގައުމެއްގައި އެމްޓީބީވީއޭސީގެ ސަލާމަތާއި، އިމިއުނޮޖެނިޓީ އަދި އެފެކްޓިވްކަން ދިރާސާކުރުމަކީ ތިން އަހަރު ވަންދެން ދިރާސާކޮށްފައިވާ ވެކްސިނުގެ ކުރިއެރުން ދެމެހެއްޓުމަށް މުހިންމު ކަމެކެވެ. ބަޔޯފެބްރީގެ ސީއީއޯ އެސްޓެބާން ރޮޑްރިގޭޒް ވިދާޅުވީ މިއީ ދުނިޔޭގައި ޓީބީ ޖެހޭ މީހުންގެ 28 އިންސައްތަ ޖަމާވާ ގައުމުގައި ބޮޑެތި މީހުންނާއި ޒުވާން އުމުރުގެ މީހުން ޓެސްޓު ކުރުމަށް އެޅުނު ބޮޑު ފިޔަވަޅެއް ކަމަށެވެ.
އެމްޓީބީވީއޭސީ އަކީ ބީސީޖީއާ ހިލާފަށް އިންސާނުންނަށް ޖެހޭ ސްޓްރެއިންތަކުގައި ހިމެނޭ ހުރިހާ އެންޓިޖެންތަކެއް އެކުލެވިގެންވާ ޕެތޮޖަންގެ ޖެނެޓިކަލީ މޮޑިފައިޑް ވައްތަރެއް ކަމަށްވާ މައިކޮބެކްޓީރިއަމް ޓީބީގެ މައްޗަށް ބިނާކޮށް ކްލިނިކަލް ޓްރަޔަލްތައް ހަދަމުން އަންނަ ހަމައެކަނި ޓީބީ ވެކްސިނެވެ.
ސްޕެއިންގެ ޔުނިވާސިޓީ އޮފް ޒަރަގޯޒާގެ ލެބޯޓްރީގައި އުފެއްދި މި ވެކްސިނަކީ ޕެރިހުގެ ޕާސްޗަރ އިންސްޓިޓިއުޓްގެ ޑރ ބްރިގިޓް ގިކްއެލްއާ ގުޅިގެން އުފައްދާފައިވާ ވެކްސިނެކެވެ. ބަޔޯފެބްރީ އަކީ ޒަރާގޯޒާ ޔުނިވާސިޓީގެ އިންޑަސްޓްރިއަލް ޕާޓްނަރެވެ.
މި ވެކްސިންގެ ފޭސް-2 ޑޯޒް ފައިންޑިން ޓްރަޔަލް ދާދި ފަހުން ވަނީ ފުރިހަމަކޮށްފަ އެވެ. ދެކުނު އެފްރިކާ، މަޑަގަސްކަރަ އަދި ސެނެގާލްގައި އަލަށް އުފަންވާ ކުދިންގެ ޑަބަލް ބްލައިންޑް، ކޮންޓްރޯލް ފޭސް-3 ގެ ކްލިނިކަލް ޓްރަޔަލްއެއް 2023 ވަނަ އަހަރު ފެށީ ބޭނުންކުރަމުން އަންނަ ހަމައެކަނި ޓީބީ ވެކްސިން ކަމަށްވާ ބީސީޖީ ވެކްސިނާ އަޅާކިޔާށެވެ.


