Tuesday, 28 July 2026

މޮސްކޯ ކޮންސެޓު ހޯލް އެޓޭކް: މަރުވި މީހުންގެ އަދަދު 133 އަށް

ރަޝިއާގެ ވެރިރަށް މޮސްކޯގައި ތޮއްޖެހިފައިވާ ކޮންސެޓް ހޯލަކަށް ދިން ނުރައްކާތެރި ހަމަލާގައި މަރުވި މީހުންގެ އަދަދު 133 އަށް އަރައި، 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

މި ހަމަލާ އާއި ގުޅިގެން ރަޝިޔާގެ ދިފާއީ ވިޒާރާއިން މިހާތަނަށް ވަނީ 11 މީހަކު ހައްޔަރުކޮށްފައެވެ.

ހޮނިހިރު ދުވަހު ރަޝިއާގެ ތަހުގީގީ ކޮމިޓީން ބުނީ މޮސްކޯގެ އުތުރުގެ އަވަށެއް ކަމަށްވާ ކްރަސްނޯގޯސްކްގެ "ކްރޮކަސް ސިޓީ ހޯލް"ގެ ތެރެއިން އިތުރު ހަށިގަނޑުތަކެއް ފެނިފައިވާ ކަމަށެވެ. އަދި އެތަނަށް ޒިޔާރަތް ކުރެއްވި މޮސްކޯ ސަރަހައްދުގެ ގަވަރުނަރު އަންދްރޭ ވޮރޮބްޔޯވް ވިދާޅުވީ މަރުވި މީހުންނާއި، އަނިޔާ ލިބުނު މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށެވެ.

ސޯވިއެޓް ޒަމާނުގެ ތަޖުރިބާކާރު ރޮކް ބޭންޑެއް ކަމަށްވާ ޕިކްނިކްގެ ޕާފޯމަންސެއް ބަލަން ކޮންސަޓަށް މީހުން ވަންނަމުން ދަނިކޮށް ކޮމްބެޓް ހެދުން އަޅައިގެން ތިބި ހަތިޔާރު އެޅި މީހުން ވަނީ ހުކުރު ދުވަހު އެ ތަނަށް ވަދެ އޮޓޮމެޓިކް ހަތިޔާރުން ހަމަލާދީފަ އެވެ.

އަދި އަފްޣާނިސްތާނާއި އީރާނުގައި ހަރަކާތްތެރިވަމުން އަންނަ އައިއެސްއައިއެލް (އައިއެސްއައިއެސް) އާ ގުޅިފައިވާ ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ޚުރާސާން ޕްރޮވިންސް (އައިއެސްއައިއެސް-ކޭ) އިން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފަ އެވެ.

ރަޝިއާގައި މި ފަހަކަށް އައިސް ދިން އެންމެ ނުރައްކާތެރި މި ހަމަލާ ދިނީ ކޮން ބައެއްކަން ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީކޮށް ބުނެފައެއް ނުވެއެވެ. 2004 ވަނަ އަހަރުވެސް މިފަދަ ހަމަލާއެއް އެ ޤައުމުގައި ދީފައިވެއެވެ. އެ ފަހަރު ބެސްލާން ސްކޫލް ވަށާލައި 330 އަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަކީ ކުޑަކުދިންނެވެ.

ރަޝިއާގެ ރައްޔިތުންނާ މުހާތަބު ކުރައްވައި ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރުގައި ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ މި ހަމަލާއަކީ އަނިޔާވެރި ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކުރައްވާފައެވެ. އަދި ހަމަލާދިން އެންމެން ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމުގައި ޝާމިލްވާ މީހުންނަށް އަދަބު ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާދީއްތަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ވެސް އޭނާ ވަނީ ކަނޑައަޅުއްވާފަ އެވެ.

ފެޑެރަލް ސެކިއުރިޓީ ސާވިސް (އެފްއެސްބީ)ގެ ވެރިޔާ އެލެގްޒެންޑާ ބޯޓްނިކޯވް ޕުޓިންއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހޮނިހިރު ދުވަހުގެ ފަތިހު ހައްޔަރުކުރި މީހުންގެ ތެރޭގައި ހަތިޔާރު އެޅި ހަތަރު މީހުން ވެސް ހިމެނޭ ކަމަށާއި އެ މީހުންގެ ބައިވެރިން ދެނެގަތުމުގެ ތަހުގީގުތައް ކުރިއަށް ދާ ކަމަށެވެ. ރަޝިޔާގެ ދާޚިލީ ވުޒާރާއިން ބުނީ އެ ހަތަރު މީހުންނަކީވެސް ބޭރުގެ ރައްޔިތުން ކަމަށެވެ.

ތަހުގީގީ ކޮމެޓީން ބުނީ 6،000 މީހުންގެ ޖާގައިގެ އެ ތަނުގައި ލިކުއިޑެއް ބޭނުންކޮށްގެން ދިންް ހަމަލާތަކުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައ ދުމުގެ އަސަރުކޮށްގެންނާއިި ބަޑީގެ ޒަހަމްތަކުގެ ސަބަބުން މީހުން މަރުވެފައިވާ ކަމަށެވެ.

ވެރިފައިޑް ވީޑިއޯއިން ފެންނަ ގޮތުގައި ހޯލުގައި ތިބި މީހުން ގޮނޑި ހިފައިގެން ނިކުތުމަށް އަވަސްވެގަތީ ތަކުރާރުކޮށް ހަޅޭއްލަވާ އަޑު އިވުމުންނެވެ. އެހެން ފުޓޭޖުތަކުން ފެންނަ ގޮތުގައި ބަޔަކު ގްރޫޕްތަކަކަށް ބަޑިޖަހައެވެ. ބައެއް މީހުން ލޭތަކުމަތީގައި ވެއްޓިފައިވެސް ތިއްބެވެ.

ރަޝިއާގެ އޮފިޝަލުން ވިދާޅުވީ މި ހަމަލާ އާއި ގުޅިގެން މޮސްކޯގެ އެއާޕޯޓުތަކާއި ރޭލްވޭ ސްޓޭޝަންތަކާއި މެޓްރޯ ސިސްޓަމްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށެވެ. އަދ އެއްވުންތައް ކެންސަލް ކޮށްފައިވާއިރު، 12 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ސަރަހައްދުގެ ތިއޭޓަރުތަކާއި މިއުޒިއަމްތައް ހަފުތާއަކަށް ބަންދުކުރަން ވަނީ އަންގާފަ އެވެ. ރަޝިޔާގެ އެހެން ސަރަޙައްދުތަކުންވެސް ވަނީ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *