ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. ސަމާވީ ފޮތެއްގެ ގޮތުގައި ބިމަށް ފޮނުވުނު އެންމެ ފަހުގެ ދުސްތޫރެވެ. ވަލުޖަނަވާރާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، ހިލަގަލާފަރުބަދައާއި، އިރުހަނދާތަރިއާއި، މިނޫން ވެސް އެންމެހައި މަޚުލޫޤާތްތަކާ މެދު އިންސާނާ ބަހައްޓަންޖެހޭ ގުޅުން ކަނޑައަޅާ ބަޔަންކޮށްފައިވާ ޤުދުރަތީ ޤާނޫނެވެ. އިންސާނިއްޔަތަށް ބޭނުންވާ އަމާންކަމާއި އޮމާންކަމާއި ޞުލްޙަ މަސަލަސްކަމަށް އެ ފޮތް މަގުދައްކައެވެ. މުއުމިނުންނަށް ޓަކައި އޭގައި ޝިފާއެއް ވެއެވެ. އީމާނުގެ އަހުލުވެރިންނަށް އުފާވެރި ކަމުގެ ޚަބަރު ދެއްވައެވެ. ކާފިރުވި މީހުންނަށް ވަޢީދުގެ އިންޒާރު ކުރައްވައެވެ. އެހެންކަމުން ކީރިތި ޤުރްއާނަށް ލޯބިކުޅައުމީ އީމާންކަމުގެ ޢަލާމާތެކެވެ. އަދި އެފޮތަށް ރުޅިއެރުމީ ކާފިރުކަމެވެ.
ކީރިތި ޤުރްއާނަކީ އިތުރު އެއްވެސް މަޚްލޫޤެއްގެ ހިއްސާއެއް ނެތް، އިލާހީ ރިސާލަތެވެ. ހުރިހާ މަޚުލޫގުންގެ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ޙާލިޤުގެ ފަރާތުން އެ މަޚްލޫޤުންނަށް ފޮނުވުނު މަގުޗާޓެވެ. އެއް މަޚްލޫޤެއްގެ ޙައްޤު ކަނޑައެޅުމުގައި އެހެން އެއްވެސް މަޚްލޫޤަކަށް އުނިކަމެއް ނާންނާނެ ގޮތަށް ރާއްވަވައިފައި އޮތް ގަވާޢިދުތަކެކެވެ. މަތިވެރި އިލާހެއްގެ ކިބައިން ނޫނީ މިހާ ފުރިހަމަ ގޮތެއްގައި އެއްވެސް އުސޫލުތަކެއް ކަނޑައެއް ނޭޅޭނެއެވެ. އެހެންނޫނީ ފެންނަން ހުންނާނީ ފުށުއެރުންތަކާއި، އެއް ކަމެއް އަނެއް ކަމަކާ ނުބައްދަލު އެތައް ކަމެކެވެ. މި ކަން ބަޔާންކުރައްވައި އެ ފޮތުގައި ﷲ ވަޙީކުރައްވަނީ ﴿أَفَلَا يَتَدَبَّرُونَ الْقُرْآنَ وَلَوْ كَانَ مِنْ عِندِ غَيْرِ اللَّهِ لَوَجَدُوا فِيهِ اخْتِلَافًا كَثِيرًا﴾ (النساء: ٨٢) މާނައީ: " ފަހެ، ޤުރުއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރުއާނަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީ ނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."
ކީރިތި ޤުރުއާކުގައި އަންގަވައިފައި އެވާ ފަދައިން އެއްވެސް ޚިލާފެއް އެ ފޮތުގެ އެއްވެސް ހިސާބަކުން ފެންނަށް ނެތީ އެކަންޏެއް ނޫނެވެ. އަދި ކިޔެއް އެ ފޮތުގައި ބަޔާން ކުރާ އެއްވެސް ކަމަކާ ދުނިޔެ ހިނގުމުގެ ނިޒާމާ ވެސް ފުށުއެރުމެއް ނެތީއެވެ. އިންސާނީ ޠަބީޢަތުގެ އަސްލާ ވެސް ޚިލާފުކަމެއް ނުފެންނަނީއެވެ. ޒަމާނީ ޢިލްމީ ހޯދުންތަކުން ނުކުންނަ އެކިއެކި ނަތީޖާތަކާއި ކަންކަމުގެ ޙަޤީގަތްތަކުގެ ވާހަކަ ހަމައެގޮތަށް ރަނުންރަނަށް ބަޔާންވެގެން ވާތީ އެބަފެނެއެވެ. މި ކަންކަމުން ތާޒާވެ އާރޯވަނީ އީމާންތެރިކަމުގެ ހިތްތަކެވެ. ނިފާޤުގެ ހިތްތަކަށް ބަލިމަޑުކަން އިތުރުވެ ޝައްކުގެ އަނދަވަޅަށް ވެއްޓިދެއެވެ.
ކީރިތި ޤުރްއާން ކިޔެވޭ ހިނދު ކަނުލާ އަޑު އެހުމަކީ، އޭގެ ސަބަބުން އެ މީހަކަށް މާތް ﷲ ރަޙުމަތްލައްވާނެ ކަމެކެވެ. ޢަރަބިބަސް ނޭނގުމުގެ ސަބަބުން ކިޔެވާ އާޔަތްތަކުގެ މާނަ ނޭނގުނު ކަމުގައި ވިޔަސް މެއެވެ. ﴿وَإِذَا قُرِئَ الْقُرْآنُ فَاسْتَمِعُوا لَهُ وَأَنصِتُوا لَعَلَّكُمْ تُرْحَمُونَ﴾ (الأعراف: ٢٠٤) މާނައީ: "އަދި ޤުރްއާން ކިޔަވާހިނދު ތިޔަބައިމީހުން ހަނުތިބެ، އެއަށް ކަނުލައި އަހާށެވެ! (އެއީ) ތިޔަބައިމީހުންނަށް ރަޙުމަތް ލެއްވުމަށް ޓަކައެވެ."
ކީރިތި ޤުރްއާނަކީ މާޒީވެދިޔަ ޒަމާންތަކުގެ ވާހަކަ އެންމެ ޞައްޙަ ގޮތުގައި ކިޔައިދޭ ފޮތެވެ. ﴿نَحْنُ نَقُصُّ عَلَيْكَ أَحْسَنَ الْقَصَصِ﴾ (يوسف: ٣) މާނައީ: "އެންމެ ރިވެތި ވާހަކަތައް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވަމެވެ." އޭގެ ސަބަބުން އީމާންކަމުގެ ހިތްތަކަށް ތާޒާކަން ގެނުވައެވެ. ވިސްނާ މީހުނަށް މަންފާދެނިވި ޢިބުރަތްތެރި ފިލާވަޅުތަކެއް އޭގައި ވެއެވެ.
ކީރިތި ޤުރްއާނުގެ އެންމެ ހިތްގައިމު ކަމަކީ އެ ފޮތުން ކިޔަވާ ކޮންމެ އަކުރަކަށް އަޖުރު ލިބޭ ގޮތައް އޮންނަ އޮތުމެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ނިޔަތުގައި ކިޔަވައިފި ކޮންމެ އަކުރަކަށް 10 ސަވާބު އެ މީހެއްގެ ޢަމަލުނާމާގައި ލިޔުއްވާނެކަމަށް ޞައްޙަ ޙަދީޘްގައި ބަޔާންވެގެން ވެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ”ﷲގެ ފޮތުން އެންމެ އަކުރެއް ކިޔަވައިފި މީހާއަށް ވެސް ހެޔޮ ދަރުމައެއް ވެއެވެ. ކޮންމެ ހެޔޮ ދަރުމައެއް އޭގެ ދިހަ ހެޔޮކަން ފަދައެވެ. "الـم" އެއީ އެންމެ އަކުރެއް ކަމުގައި ތިމަންކަލޭގެފާނު ޙަދީޘެއް ނުކުރައްވަމުއެވެ. އެހެންނަސް ”ا“ އަކީ އަކުރެކެވެ. ”ل“ އަކީ އަކުރެކެވެ. އަދި ”م“ އަކީ ވެސް އަކުރެކެވެ.“ (رواه الترمذي وصححه الألباني)
ޤުރްއާން ކިޔެވުމުގެ ދަރުމައާއި ސަވާބުގެ ގިނަކަން ނިކަން ދެކޭށެވެ! މުއުމިނު އަޅާއަށް ދަރުމައާއި އަޖުރު ފަސޭހައިން ލިބޭނެ މަގެއް ﷲ މި ވަނީ ލައްވައިފައެވެ. ޤުރްއާންކިޔަވައި އެ ފޮތާ އަހުލުވެރިވުމަށް ލައްވައިފައި ވާ ރަނުގެ ފުރުސަތެއް ކަމުގައި ރަމަޟާންމަސް ވެއެވެ. މިއީ ޤުރުއާނުގެ މައްސަރެވެ. ޤުރުއާން ބާވައިލެއްވުނު މައްސަރެވެ. ޤުރުއާނުގެ މަތިވެރިކަން އިޙްތިފާލުކުރާ މައްސަރެވެ. މި މައްސަރު އަޅުގަނޑުމެންނާ ވަކިވުމުގެ ކުރިން ޤުރުއާނާ ގާތް ބަޔަކު ކަމުގައި ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އަޅުގަނޑުގެ އަމިއްލަ ނަފުސަށާއި ހުރިހާ ކިޔުންތެރިންނަށް ނަސޭހަތްތެރި ވަމެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ބަރަކާތް ލިބޭ ބަޔަކު ކަމުގައި އަޅަމެން އެންމެން ލައްވާށިއެވެ! އާމީން،


