Tuesday, 28 July 2026

އިސްރާއީލުން ނާސިރު ހޮސްޕިޓަލް ހުސްކުރަން އެންގުމުން ފަލަސްތީނުގެ އެތައް ބަޔަކު އެތަން ދޫކޮށް ދާން ފަށައިފި

ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ޚާން ޔުނިސްގައި ހުންނަ ނާސިރު ހޮސްޕިޓަލުން ފަލަސްތީނުގެ އެތައް ބަޔަކު ނުކުމެގެން ދާން ފަށައިފި އެވެ. ނާސިރު ހޮސްޕިޓަލު ހުސްކުރަން ފަށާފައި މިވަނީ އިސްރާއީލު ސިފައިން އެންގުމާ ގުޅިގެން ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.

ނަމަވެސް ސިއްހީ އޮފިޝަލުންވަނީ ހާލު ސީރިއަސް ބަލި މީހުން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ހޮސްޕިޓަލުގެ އެތެރޭގައި ތިބިކަމަށް ބުނެފަ އެވެ

އަލްޖަޒީރާއިން އާންމުކުރި ވީޑިއޯ ފުޓޭޖްތަކުން ފެންނަ ގޮތުގައި ހޮސްޕިޓަލުގެ ތެރޭގައި ހިޔާވަހިކަން ހޯދަމުން ދިޔަ ގެދޮރު ގެއްލިފައިވާ މީހުން ބުދަ ދުވަހު ވަނީ އެތަން ދޫކޮށްދާން ފަށާފަ އެވެ. ފެހި ކުލައިގެ ހޮސްޕިޓަލް ސްކްރަބް އަޅައިގެން ހުރި ޑޮކްޓަރަކު މީހުންކުރިން ހިނގާފަ ދިޔައިރު، ބައެއް މީހުން ތިބީ ހުދު ކުލައިގެ ދިދަހިފައިގެންނެވެ.

އިޒްރޭލު ސިފައިން ވަނީ އަންގާރަ ދުވަހު އެ ކޮމްޕްލެކްސް ހުސްކުރަން އަންގާފަ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ބުދަ ދުވަހު ހިއްސާކޮށްފައިވާ ޕޯސްޓެއްގައި އެ ޤައުމުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހަމާސް އިން ހޮސްޕިޓަލުގައި އަސްކަރީ ހަރަކާތްތައް ހިންގަމުން އަންނަ ކަމަށް ބުނެފަ އެވެ.

ނާސިރު ހޮސްޕިޓަލުން ނުކުތުމަށް ގޮވަމުންދިޔަ ޑްރޯނާއި ލައުޑްސްޕީކަރު ބޭނުންކުރި އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ އާންމުންނަށް ބޭރަށް ނުކުތުމުގެ ފުރުސަތު ދިނުމުގެ ގޮތުން "ރައްކާތެރި މަގެއް" ހުޅުވާލާފައިވާ ކަމަށާއި، ބޭސްވެރިންނާއި ބަލި މީހުންނަށް އެތެރޭގައި ތިބެވޭނެ ކަމަށެވެ.

ނަމަވެސް އެތަނުގައި ތިބި މީހުންނާއި، މެޑިކަލް އެންޖީއޯ ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑެސިންސް ސަންސް ފްރޮންޓިއާސް ނުވަތަ އެމްއެސްއެފް) އިން ބުނީ ބޭރަށް ނުކުންނަ މީހުންނަށް ބަޑިޖަހާކަމުގެ މައުލޫމާތު ލިބުމާ އެކު އެތެރޭގައި ތިބި މީހުން އެތަނުން ބޭރަށް ނިކުންނަށް ބިރުގަންނަ ކަމަށެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން މީގެކުރިންވެސް ވަނީ ހޮސްޕިޓަލުގެ ތެރޭގައި ތިބި މީހުންގެ ގަޔަށް ބަޑިޖަހާފަ އެވެ. އޭގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކު ވެސް ހިމެނެ އެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު ޑރ އަޝްރަފް އަލް ކުދްރާ ބުދަ ދުވަހުގެ ރޭ ވިދާޅުވީ އެ ކޮމްޕްލެކްސްތެރޭގައި އަދިވެސް 2500 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށާއި އޭގެ ތެރޭގައި ގެދޮރު ގެއްލިފައިވާ މީހުންނާއި ބަލި މީހުންނާއި ބޭސްވެރިންނާއި އެމީހުންގެ އާއިލާތައް ހިމެނޭ ކަމަށެވެ.

އެމްއެސްއެފްގެ ގުއިލެމެޓް ތޯމަސް އާ ހަވާލާދީ އަލްޖަޒީރާއިން ވަނީ ހޮސްޕިޓަލުގެ ހާލަތު މިހާރުވެސް ވަރަށް ސީރިއަސް ކަމަށާއި ނަމަވެސް ފާއިތުވި 24 ގަޑިއިރުގެ ސަބަބުން ބިރުވެރިކަން އިތުރުވެފައިވާ ކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *