Tuesday, 28 July 2026

އިސްރާއިލްގެ ލާއިންސާނީ ހަމަލާތަކަށް 130 ދުވަސް: މިހާތަނަށް ފަލަސްތީނުގެ 28،340 މީހުން ޝަހީދުކޮށްލައިފި!

 

އިސްރާއީލުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް ދިން ޙަމަލާތަކުގައި އިއްޔެ އާއި މިއަދުވެސް ފަލަސްޠީނުގެ އާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދުވެ ޒަޚަމްވެއްޖެއެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ޙަމަލާތަކަށް 130 ވަނަ ދުވަސްވެފައި ވާއިރު، ޣައްޒާގެ މެދުތެރޭގެ ނުސީރަތު ކޭމްޕްގައި ހުންނަ ޤަޑޯހާ ޢާއިލާގެ ގެއަކަށް އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ބޮމުގެ ޙަމަލާތަކުގައި 5 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެފައިވާކަމަށް ޞިއްޙީ މަސްދަރުތަކުން ބުނެއެވެ.

އަދި ރަފަހްގައި ހުންނަ ބްރެޒިލްގެ އަވަށަށް އިސްރާއީލުން ދިން ބޮމުގެ ހަމަލާގައި ކުޑަކުއްޖަކު މަރުވެ އިތުރު ހަތަރު މީހަކު ވަނީ ޒަހަމްވެފަ އެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހް ސިޓީގެ ހުޅަނގުގެ ސަރަހައްދުތަކުގައި ހަރުކަށި ގޮވުންތައް ގޮއްވާލި އަޑު އިވިފައިވާ ކަމަށް އެ ގައުމުގެ މަސްދަރުތަކުން ބުނެއެވެ.

މީގެ އިތުރުން ޣައްޒާގެ ދެކުނުގައި ވާ ޚާން ޔުނިސްގެ އިރުމަތީ އަދި ހުޅަނގުގެ ސަރަޙައްދުތަކަށް ވެސް އަމާޒުކޮށް ހަމަލާދީ، އެ ސިޓީގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްއިން ކަރަންޓުގެ ޚިދުމަތް މުޅިން ކަނޑާލާފައިވާ ކަމަށް ރައްޔިތުން ބުނެއެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔުނިސް ސިޓީގެ ނާސިރު މެޑިކަލް ކޮމްޕްލެކްސްގެ ގޯތިތެރޭގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގައި ހަތް ރައްޔިތަކު މަރުވެ، 14 މެޑިކަލް ސްޓާފުންނާއި ގެދޮރު ގެއްލިފައިވާ މީހުން ވަނީ ޒަހަމްވެފަ އެވެ.

ޣައްޒާގެ މެދުގައި އޮންނަ އަލް މަޣާޒީ ކޭމްޕުގައި ހިފާފައިވާ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ބޮމުގެ ހަމަލާއެއްގައި އެތައް ރައްޔިތުންނެއް ވަނީ ޒަޚަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ޣައްޒާއަށް ދިން ޙަމަލާތައް ފެށުނު ފަހުން ޣައްޒާގައި ޝަހީދުވި ފަލަސްޠީނުގެ މީހުންގެ ޢަދަދު 28،340 އަށް އަރާފައިވާއިރު، 67،984 މީހުން ވަނީ ޒަޚަމްވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *