ދުނިޔޭގެ ޙަޔާތަކީ ވަރަށް މަދު ވަގުތު ކޮޅެކެވެ. މާގިނަ ދުވަސްތަކެއް ނުވެ މި ތަން ދޫކޮށް ދާން އެބަޖެހެއެވެ. ދުނިޔޭގެ ޙަޔާތަށް ފަހު އޮތީ ބަރުޒަޚެވެ. ދެން ހިސާބާއި ކިތާބެވެ. އެއަށް ފަހު ދާއިމީ ގޮވައްޗެކެވެ. އެހެންޔާ ނަރަކައާއި އެތަނުގެ ވޭންދެނިވި ޢަޒާބެވެ. ނޫނީ ސުވަރުގެއާއި އެތަނުގެ ލައްޒަތާއި މީރުކަމެވެ.
ސުވަރުގެއިން އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ، އޭނާގެ ޚާލިޤުވަންތަ ވެރި އިލާހާ ބައްދަލުވުމެވެ. ސުވަރުގޭގެ އަހުލުވެރިންނަށް އެތަނުގެ ނިޢުމަތްތަކުގައި އުފަލާ އެކު އުޅެމުން ދަނިކޮށް އެބައިމީހުންނަށް ދެންނެވޭނެއެވެ. ތިޔަބައިމީހުން މިއަށް ވުރެ ބޮޑު ނިޢުމަތެއް އެދެމުހެއްޔެވެ؟ އެބައި މީހުން ދަންނަވާނެއެވެ. މިހާރު ތިމަންމެން މި ތިބަ މަތިވެރި ނިޢުމަތަށްވުރެ ވަކީން ބޮޑު އެހެން ނިޢުމަތެއް އޮންނާނޭތޯއެވެ؟ ޖަވާބުގައި އެ މީހުންނަށް ބުނެވޭނެއެވެ. ތިޔަބައިމީހުންގެ ވެރިރައްބުގެ ވަޖްހުފުޅު ދުށުމުގެ ފުރުޞަތު އޮންނާނެއެވެ. ދެން ސުވަރުގޭގެ އަހުލު ވެރިންނަށް ﷲގެ ވަޖުހުފުޅު ދެއްކެވޭނެތެވެ. އަދި މީސްތަކުންނަށް ލިބޭ އުފަލާއި ހިތްހަމަ ޖެހުމުގައި ﷲގެ ވަޖުހު ފުޅަށް ބެލުމުގައި އެބައިމީހުން ހުއްޓިފައި އެތައް ޒަމާނެއް ވަންދެން ތިބޭނެއެވެ. އަދި އެ އިލާހުގެ ނޫރުފުޅުގެ ގަދަކަމާއި އަލިކަމުން މީސްތަކުންގެ މޫނުތައް ވެސް އެ ދުވަހުން ވާނީ ދިއްލިގެންނެވެ. ﴿وُجُوهٌ يَوْمَئِذٍ نَّاضِرَةٌ﴾ (سورة القيامة: 22) މާނައީ:- "އެ ދުވަހުން މޫނުތަކެއް ރީތިވެ، އަލިވެގެންވެއެވެ." ﴿إِلَىٰ رَبِّهَا نَاظِرَةٌ ﴾ (سورة القيامة: 23) މާނައީ:- "އެ މޫނުތަކުގެ ވެރިރަސްކަލާނގެއަށް ބަލަބަލައި ތިބެއެވެ."
މިފަދަ މަތިވެރި ނިޢުމަތެއް އެދޭ މީހާގެ މައްޗަށް ވަނީ އެންމެ ދެ ޝަރުތެއް ފުރިހަމަ ކުރުމެވެ. އަޅުގަނޑުމެން އާދަވެ ކޮންމެ ހުކުރު ދުވަހަކު ކިޔަވާ ކަހަފް ސޫރަތުގެ އެންމެ ފަހު އާޔަތުގައި މި ވާހަކަ އެ ވަނީއެވެ. ﴿فَمَنْ كَانَ يَرْجُوا لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلاً صَالِحًا وَلاَ يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا﴾ (الكهف: 110). ފަހެ، އެ މީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭ މީހާ (ދަންނާށެވެ!) ފަހެ، އެ މީހާ ޞާލިޙު ޢަމަލުން ޢަމަލުކުރާ ހުށިކަމެވެ! އަދި އެ މީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސް މީހަކު ބައިވެރި ނުކުރާހުށިކަމެވެ!
މި އާޔަތުގައި އަންގަވާ ދެ ޝަރުޠަކީ 1- ޞާލިޙު ޢަމަލު ކުރުމެވެ. އަދި 2- އަޅުކަން ކުރުމުގައި އެއްވެސް މީހަކު އެ އިލާހާ ބައިވެރި ނުކުރުމެވެ.
ޞާލިޙު ޢަމަލަކީ ﷲ ރުހިވޮޑިގަންނަވާ ކޮންމެ ޢަމަލެކެވެ. އަދި އެއިލާހު ނަހީ ކުރެއްވި ކޮންމެ ކަމަކުން ދުރުވުން ވެސް އެއީ ހެޔޮޢަމަލެވެ. އަނބިމީހާގެ އަނގަޔަށް ލަވައިދޭ ސުވާ ވެސް އެއީ ޞަދަޤާތެކެވެ. މަގުމަތީގައި މީހުންނަށް އުނދަގޫ ވާގޮތަށް އޮންނަ އެއްޗެއް އެއްފަރާތް ކޮށްދިނުން ވެސް އެއީ އީމާންތެރިކަމުގެ ޢަމަލެކެވެ. އެހެން މީހުންނަށް ހިނިތުންވުމާއި، އޯގަތެރި ހިތަކާއިގެން މުޚާޠަބުކުރުން މީ ވެސް ހެޔޮޢަމަލެވެ.
ފަރުޟު ފަސް ނަމާދު ގަޑިންގަޑިއަށް އަދާ ކުރުމާއި ޞަދަޤާތް ދިނުމާއި ރޯދަ ހިފުމާއި ޤުރުބާން ކުރުމާއި ޙައްޖުވުން މިއީ ﷲއަށް އަދާކުރެވޭ އަޅުކަމެވެ. ދުޢާކުރުމާއި، ކަންކަމު އެދުމާއި، ވަކީލުކުރުން ވެސް ހިމެނެނީ ހަމައެކަނި ﷲއަށް ޓަކައި ކުރެވޭ ކަންކަމުގެ ތެރޭގައެވެ. މިއިން އެއްވެސް ކަމެއްގައި އެހެން އެއްވެސް ފަރާތެއް ބައިވެރި ކުރުމަކީ ޝިރުކުގެ ޢަމަލެކެވެ. އެފަދަ ޢަމަލެއް ކޮށްފި މީހާ ތައުބާނުވެ ހުއްޓާ މަރުވެއްޖެ ނަމަ ﷲ އާއި ބައްދަލު ވެވޭނެ މީހުންގެ ތެރޭގައި އޭނާ ނުހިމެނިދާނެއެވެ. އެ ކަމަށް ކަނޑައެޅިފައިވާ ޝަރުޠުތަކާއި އޭނާ އެ ވަނީ ޚިލާފު ވެގެންނެވެ.
އެހެންކަމުން އެއްވެސް ކަމެއްގައި ﷲނޫން ފަރާތެއް ބައިވެރި ނުކުރާ ބަޔަކު ކަމުގައި ވަމާތޯއެވެ! ﷲއަށް ޓަކައި ހިތް ޚާލިޞްކޮށް ހެޔޮ ޢަމަލު ކުރުން މަތީ ދެމިތިބޭ ބަޔަކު ކަމުގައި ވަމާތޯއެވެ! ވަގުތީ ޙަޔާތް ނިމި ދާއިމީ ގޮވައްޗަށް އެނބުރިދާއިރު ހެޔޮ ރަނގަޅު މަންޒިލަށް ދެވޭނީ އޭރުންނެވެ.


