Friday, 11 September 2026

ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް އައިސީޖޭ އިން އަމުރުކޮށްފި

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އަމުރުކުރުމުގެ ބަދަލުގައި "ހަމަލާތައް ހުއްޓާލުމަށް އިސްރާއީލަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަށް" ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން އަމުރުކޮށްފި އެވެ.

ޔަހޫދީން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނަކީ ގަތުލުއާންމެއް (ޖެނޮސައިޑެއް) ކަމަށް ނުވަތަ ޖެނޮސައިޑެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އަމަލުތައް ހުއްޓައިލުމަށް އަމުރުކޮށްދިނުމަށް އެދި އިންސާފާ ބެހޭ ކޯޓަށް މައްސަލަ ވައްދައިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29ވަނަ ދުވަހު ދެކުނު އެފްރިކާއިންނެވެ.

މި މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށާފައިވަނީ 17 ފަނޑިޔާރުންގެ ބެންޗަކުންނެވެ. މިއަދުގެ އަޑުއެހުމުގައި އިސް ފަނޑިޔާރަކަށް ހުންނެވީ އެމެރިކާގެ ޖޮއާން ޑޮނޯގްއެވެ.

ދެކުނު އެފްރިކާ އިން ހުށަހެޅި މައްސަލާގައި އައިސީޖޭ އިން މިއަދު ވަގުތީ އަމުރެއް ނެރުމުގެ މަގުސަދަކީ އެ މައްސަލާގައި އައިސީޖީގެ ނިޔާ ކަނޑައަޅަން އަހަރުތަކެއް ނަގާނެ ކަމަށް ބެލެވޭތީ، އެ ކޯޓުން އަސްލު މައްސަލަ ބަލަމުންދާއިރު ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް ކޮންމެވެސް ވަރެއްގެ ހިމާޔަތެއް ފޯރުކޮށްދިނުމެވެ.

އެ މައްސަލައާ ގުޅިގެން އައިސީޖޭ އިން މިއަދު ނެރުނު އަމުރުގައި އިޒްރޭލުން، ފަލަސްތީނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާލުމަށް އަންގާފައެއް ނުވެއެވެ. ނަމަވެސް ހަތް ކަމެއް އިޒްރޭލަށް އަމުރުކުރިއެވެ.

އައިސީޖޭގެ އަމުރުގައި ފާހަގަކުރި ކަންކަން:

  • ޖެނޮސައިޑް ކޮންވެންޝަންގައި އިހުތިރާމްކޮށް، އެ ކޮންވެންޝަނާ އެއްގޮތަށް އަމަލުކުރުމަށް އިޒްރޭލަށް އެންގުން

  • އިޒްރޭލުގެ ސިފައިން ޖެނޮސައިޑް ކޮންވެންޝަންގައި ބަޔާންކޮށްފައިވާ ކުށެއް ނުކުރާނެކަން ޔަގީންކުރުން

  • ގަތުލު އާންމަކަށް ހިތްވަރުލިބިދޭނެ ވާހަކަތަކަށް އިޒްރޭލުން ސީރިއަސް ގޮތެއްގައި ރިއާޔަތްކުރުން

  • ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ހިޔުމަނެޓޭރިއަން ކްރައިސިސްއަށް އިޒްރޭލުން ރިއާޔަތްކުރުން

  • ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ލިބިދޭކަން އިޒްރޭލުން ކަށަވަރުކުރުން

  • ގަތުލުއާންމުގެ ހިންގި ކަމަށް ބެލެވިދާނެ އެއްވެސް ހެއްކެއް އިޒްރޭލުން ނައްތާލު ނުލުން

  • އައިސީޖޭގެ އަމުރާ ގުޅިގެން އިޒްރޭލުން އަމަލުކުރާނެ ގޮތުގެ ރިޕޯޓެއް ހުށަހެޅުމަށް

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަޑަކަށް 25،000 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރައިލައިފައެވެ.

އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހަމަލާތަކުގައި ޒަޚަމްވި މީހުންގެ އަދަދު ވަނީ 60،00 އިން މައްޗަށް އަރައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *