ލިޔުނީ: އާމިނަތު އަމީރާ
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އޮޕަރޭޝަންތައް ހުއްޓާލުމަށް އަންގައި އ.ދ ގެ އެންމެ މަތީ ކޯޓުން ކުއްލި ފިޔަވަޅުތަކެއް ނެރެފާނެކަމަށް ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަޞީލަތްތަކުންވަނީ ހާމަކޮށްފައެވެ. އިސްރާއީލުން ޣައްޒާގައި ޤަތުލުއާންމު ހިންގާކަމުގެ މައްސަލަ އައި.ސީ.ޖޭ އަށް ހުށަހަޅާފައިވަނީ ދެކުނު އެފްރިކާއިން އިންނެވެ.
މީގެ ދެ ހަފުތާ ކުރިން އައި.ސީ.ޖޭގައި މި މައްސަލަ ހުޅުވާލިއިރު ދެކުނު އެފްރިކާގެ އިތުރުން އިސްރާއީލުންވެސް ވަނީ ހެކިބަސް ދީފައެވެ. ނަމަވެސް އިސްރާއީލުން ވަނީ އެ ތުހުމަތުތައް ދޮގުކޮށް ދެކުނު އެފްރިކާއިން ޙަޤީޤަތް އޮޅުވާލިކަމަށް ބުނެ އަޑުއުފުލާފައެވެ. މި މައްސަލަ ދެކުނު އެފްރިކާއިން އައި.ސީ.ޖޭއަށް ހުށަހަޅާފައިވަނީ ފާއިތުވެދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ޔޫކޭއަށް ޢައްޔަންކުރައްވާފައިވާ ފަލަޞްޠީނުގެ ސަފީރު ހުސާމް ޒޮމްލޮޓް، އެކްސްގައި މި މައްސަލައާއި ގުޅިގެން ލިޔުއްވާފައިވާ ޕޯސްޓެއްގައިވަނީ، ފުރާނަ ސަލާމަތްކުރުމާއި، ހާލުގައިޖެހިފައިވާ ނިކަމެތި އާބާދީތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ޤާނޫނީ އަދި އަޚްލާޤީ ވާޖިބެއްކަމަށާއި، އެކަން ޙާސިލުކުރެވެން އޮތް ހަމައެކަނި ގޮތަކީ ވަގުތުން ވަގުތަށް، ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުންކަމަށެވެ. އަދި އައި.ސީ.ޖޭގެ ނިންމުން ވެގެންދާނީ ބައިނަލްއަގުވާމީ ގަވާއިދުތަކުގެ މައްޗަށް ބިނާވެފައިއޮތް އަމަންއަމާންކަމާއި އިންސާނިއްޔަތަށް ކުރިމަތިލާންޖެހޭނެ ވަރަށް ބޮޑު އިމްތިޙާނެއްކަމަށްވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.
އައި.ސީ.ޖޭގެ އަޑުއެހުން ހަމަޖެހިފައިވަނީ މިއަދުގެ ޔޫކޭ ގަޑިން މެންދުރު 12:00 ގައެވެ.

ބައިންލއަގުވާމީ ޚަބަރު ފަތުރާ ވަޞީލަތެއް ކަމުގައިވާ އަލްޖަޒީރާއިން ހާމަކުރާގޮތުގައި، 7 އޮކްޓޫބަރު 2023 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް މިހާތަނަށް ދިން ހަމާލަތަކުގައި 25،900 މީހުން މަރުވެ 64،110 މީހުން ވަނީ ޒަޚަމުވެފައެވެ.


