މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ މެންދުރުގެ ނިޔަލަށް ޣައްޒާއަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު 142 މީހުން ޝަހީދުވެ، 278 މީހުން ޒަޚަމްވެފައިވާ ކަމަށް އދގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (ޔޫއެންއޯސީއެޗްއޭ) އިން ބުނެފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން "ލާއިންސާނީ ދިރިއުޅުމުގެ ހާލަތު" ގެ ގޮތުގައި ސިފަކޮށްފައިވާ އަދި ހެޕަޓައިޓިސް އޭ ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ފަލަސްތީނުގެ އެންކްލޭވްގައި ބޯފެން ލިބެން ހުންނަ މިންވަރު ވެސް ދަނީ ދުވަހެއް ދުވަހަކަށް މަދުވަމުންނެވެ.
މީގެ އިތުރުން ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ އަޒް-ޒަހްރާގައި ހުންނަ އިސްރާ ޔުނިވާސިޓީ އިސްރާއީލުގެ އަސްކަރިއްޔާއިން ހަލާކުކޮށްލީ އިސްރާއީލު ސިފައިން 70 ދުވަސް ވަންދެން އެ ކެމްޕަސް ބޭސްއެއްގެ ގޮތުގައި އަދި "ފަލަސްތީނުގެ ބަންދުގައި ތިބި މީހުން ނޭނގޭ ތަނަކަށް ބަދަލުކުރުމުގެ ކުރިން އެމީހުންނާ ސުވާލު ކުރުމަށް އެޑްހޮކް ޑިޓެންޝަން ފެސިލިޓީއެއްގެ ގޮތުގައި" ބޭނުން ކުރުމުން ކަމަށް ވެސް ޔޫއެންއޯސީއެޗްއޭ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އިޒްރޭލުން އެ ޔުނިވާސިޓީ ހަލާކުކޮށްލީ ކީއްވެ ކަމެއް އދގެ ރިޕޯޓުގައި ބުނެފައެއް ނުވެ އެވެ.
ބުރާސްފަތި ދުވަހުގެ ނިޔަލަށް ފަލަސްތީނުގެ 1.7 މިލިއަން މީހުން ޣައްޒާގެ އެތެރޭގެ ގެދޮރު ގެއްލިފައިވާ ކަމަށް އަންދާޒާކޮށްފައިވާއިރު، ގާތްގަނޑަކަށް އެއް މިލިއަނެއްހާ މީހުން ވަނީ "ވަރަށް ބޮޑަށް ތޮއްޖެހިފައިވާ" ރަފާ ސަރަހައްދަށް ވަދެފައި ކަމަށް އދއިން ބުނެއެވެ.


