ޣައްޒާގެ ހޮސްޕިޓަލްތަކަށް ބޭސްފަރުވާއަށް ބޭނުންވާ ސާމާނު ބަހަމުން އަންނައިރު، ހަމަލާތަކުގައި ޒަޙަމްވި މީހުންގެ އަދަދު ވަނީ 61،500 އަށްވުރެ މައްޗަށް އަރާފަ އެވެ.
އެހެންކަމުން މިހެން ލިބޭ މަދު ސަޕްލައިސް އަކީ ގިނަ މީހުންނަށް ބޭނުންވާ މިންވަރަށް ވުރެ މާ މަދު އެއްޗެކެވެ. ޣައްޒާގެ ހޮސްޕިޓަލްގެ އަލަމާރިތައް ހަފުތާތަކެއް ވަންދެން ހުސްވެފައި ހުރިއިރު، ބައެއް މީހުންގެ ގުނަވަންތައް ބުރިކުރާއިރު އައްސިކުރާނެ ގޮތެއް ނެތުމުން، އައްސި ނުކޮށްވެސް ގުނަވަންތައް ބުރިކޮށްލަ އެވެ. އޭގެތެރޭގައި ތުއްތު ކުދިންވެސް ހިމެނެ އެވެ.
ޣައްޒާގެ ހޮސްޕިޓަލްތަކުގައި މަސައްކަތް ޑޮކްޓަރުން ތިބީ ފަރުވާދޭނެ ސަޕްލައި ހުސްވެ ކަރުއެލިފަ އެވެ. ކުޑަމިނުން ހޮސްޕިޓަލަށް ގެންނަ މީހުންނަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކަށް އަޅާނެ އެންޓިސެޕްޓިކް ނެތުމުން އޭގެ ބަދަލުގައި އަޅަނީ ލޮނެވެ.
"ޑޮކްޓަރުންނަށް ބަލި މީހުންނަށް ފަރުވާ ދޭނެ އެއްޗެއް ނުފެނޭ، މިހާރު ބޭނުން ކުރަނީ ހަމައެކަނި ލޮނު. ލޮނު ކިލޯއެއް ވެސް އުޅެނީ 13 ޑޮލަރަށެވެ. ރޯ ފާރުތައް ޑިސްއިންފެކްޓް ކުރުމަށް ލޮނު އެޅުމަކީ ހިޔާލުކޮށްލަން ވެސް ފަސޭހަ ކަމެއްތަ؟" ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ އިބްރާހިމް ބަރައިކަތު ބުންޏެވެ.
ޣައްޒާގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ޝަހީދުކުރަމުންދާއިރު، ޒަހަމްވެފައި ތިބި މީހުންނަށް ދޭނެ ޕެއިންކިލަރ ވެސް ނުލިބޭކަމަށް ބަރައިކަތު ވަނީ ބުނެފަ އެވެ.


